ފުވައްމުލަކު، ނައިބު ތުއްތު މަގުން އިއްޔެ ހަވީރު 4:22 ހާއިރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންްޓްރޯލް ނުވެ މަގުގެ އަރިމަތީގައި ހުރި ކިނބި ގަހެއްގައި ޖެހި އެކްސިޑެންޓް ވެ، އޭގައި ތިބި ދެމީހުން މަރުވި ހަބަރާއެކު މުޅި ފުވައްމުލައް ސިޓީއަށް ކުއްލި ސިހުމެއް ގެނުވިއެވެ. އެ އެކްސިޑެންޓުގައި މަރުވީ، ދޫޑިގަން އަވަށު، ކޯންސްލީޓް، އަލީ އާމިލް އަހުމަދު، 19އ އާއި ފުނާޑު، ކަޕްރި، އަހުމަދު މުތީއު 24އ އެވެ. އެ ދެ ޒުވާނުންވެސް މަރުވެފައިވަނީ އެކްސިޑެންޓުގައި ލިބުނު ސީރިއަސް ޒަހަމްތަކުގެ ސަބަބުންނެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު "ވަން" އަށް ވިދާޅުވި ގޮތުގައި، އެ ދެ ޒުވާނުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ސީރިއަސް ޒަހަމްތަކެއް ވެފަ އެވެ. އެގޮތުން ދެ ޒުވާނުންގެ ކަނދުރާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ބޮޑެތި އަނިޔާތަކެއް ވެފަ ހުރީ. ހަށިގަނޑުގެ އެކި ތަންތަން ޒަހަމްވެފަ ހުރި. ހާއްސަކޮށް ކަނދުރާގައި ބޮޑެތި ޒަހަމްތަކެއް ހުރި. އެކްސިޑެންޓުގައި އަނިޔާވެގެން ގެނައި ދެމީހުންގެ ތެރެއިން އެކަކުގެ ސިފަ ވަކި ނުވާ ވަރުގެ ޒަހަމްތައް ހުރި" ސައީދު ވިދާޅުވިއެވެ.

އެކްސިޑެންޓުގައި ޒަހަމްވި ދެމީހުންގެ ތެރެއިން ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައީ އާމިލްއެވެ. އެއިރުވެސް މުތީއު ވަނީ ކާރުގެ ތެރޭގައި ތާށިވެފައެވެ. ކާރުގެ ދޮރާއި އެނޫންވެސް ތަންތަން ހަލާކުކޮށްލައިގެން އާންމުންނާއި ފުލުހުން އެކުވެގެން ކުރި މަސައްކަތުން މުތީއު ހޮސްޕިޓަލަށް ގެންދެވުނީ އާމިލް ހޮސްޕިޓަލަށް ގެންދިޔަތާ ވިއްސަކަށް މިނެޓު ފަހުންނެވެ. ސައީދު ވިދާޅުވި ގޮތުގައި، އާމިލް މަރުވީ 4:56 ހާއިރުއެވެ. ބޮޑެތި ޒަހަމްތަކަކާއެކު ގެންދިޔަ މުތީއު މަރުވިކަމަށް ހޮސްޕިޓަލުން ނިންމާފައިވަނީ 5:04 ގައެވެ.

އެކްސިޑެންޓުގައި މަރުވި މުތީއު އާއި އާމިލްގެ ގާތް އެކުވެރިޔަކު ބުނި ގޮތުގައި މުތީއު އާއި އާމިލްއަކީ ވަރަށް އެކުއެކީގައި އުޅޭ ގާތް ދެ ރަހުމަތްތެރިންނެވެ. އެ ދެމީހުން ހަވީރު ނުކުތީ ދުއްވާލަން ކަމަށްވެސް އޭނާ ބުންޏެވެ.

"ވަރަށް ގާތް ދެ ރަހުމަތްތެރިން އެއީ. އެކުވެރިންނަށް ވަރަށް ހެޔޮ ދެމީހުން އެއީ. ހަވީރު އެމީހުން ނުކުތީ ދުއްވާލަން. ދެން އޭގެ ފަހުން މި އިވުނީ އެމީހުން އެކްސިޑެންޓުވި ހަބަރު" އެކުވެރިޔާ "ވަން" އަށް ބުންޏެވެ.

އިއްޔެގެ އެކްސިޑެންޓްގައި މަރުވި މުތީއު އަކީ މީގެ 4 އަހަރު ކުރިން 2017 ވަނަ އަހަރުގެ އޮކްޓޯބަރު ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނެކެވެ. ކާރަކާއި ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި މުތީއުގެ ވާތު ކޮނޑު ކަށިގަނޑާއި ފައިގެ އިތުރުން ކަނާތު ކޮނޑު ހުޅަށްވެސް އަނިޔާވިއެވެ. ބޭރުފުށުން މާ ބޮޑު ޒަހަމްތަކެއް ފެންނަން ނެތް ނަމަވެސް އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކުގެ ސަބަބުން މުތީއުގެ ފުއްޕާމޭގައި ލޭގަނޑުވެ، ހާލު ސީރިއަސްވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މުތީއު އޭރު ބަދަލު ކުރީ މާލެއަށެވެ. ފުރަތަމަ އައިޖީއެމްއެޗުގައި ފަރުވާދިނުމަށްފަހު ދެވޭނެ އިތުރު ފަރުވާއެއް ނެތުމުން އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރިއެވެ. އޭޑީކޭއަށް ބަދަލުކޮށް އައިސީޔޫގައި ފަރުވާދޭން ފެށިއިރުވެސް މުތީއުގެ ހާލު ސީރިއަސްއެވެ. އެންމެ ފަހުން ވެންޓިލޭޓަރުގައިވެސް މުތީއުއަށް ފަރުވާދިނެވެ. އެއިރު ޑޮކްޓަރުން ވަނީ އޭނާ ދިރިހުންނާނެ ކަމުގެ އުއްމީދުވެސް ކަނޑާލާފައެވެ. ނަމަވެސް ﷲގެ އިރާދަފުޅުން، އޭޑީކޭގައި ކުރި ގިނަ އޮޕަރޭޝަންތަކާއެކު މުތީއުގެ ހާލަތު ރަނގަޅުވެ އާންމު ހާލަތަށް އައެވެ. އޭގެ ދެތިން އަހަރު ފަހުން މިއަދު އޭނާ މިވަނީ މަގުމަތީގެ އެކްސިޑެންޓެއްގައި މި ދުނިޔެއާ ވަކިވެފައެވެ.