ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީނީ އިލްމުވެރިންގެ ލަފަޔަކަށް އެދިއްޖެ އެވެ.

އެޗްޕީއޭގެ އެދުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި ތިބި އިލްމުވެރިންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. ނަމަވެސް އިލްމުވެރިން ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ.

އެކަމާ ގުޅިގެން އިލްމުވެރިން ވިދާޅުވީ މާލޭގައި ގޯތިގެދޮރުގެ ދަތިކަން ހުރުމުގެ ސަބަބުން ކޮންމެ މީހަކަށް ގޭގައި ނަމާދު ކުރަން ޖާގަ ނެތުމުން މިސްކިތަށް ދާން މަޖުބޫރުވުމުން، މިސްކިތުގެ ރަސްމީ ޖަމާއަތް ހުއްޓާލި ނަމަވެސް ނަމާދު ވަގުތުތަކުގައި މިސްކިތަށް އަރާ މީހުންގެ އަދަދު މަދުނުވާ ކަމަށެވެ. އެހެންކަމުން މިސްކިތުގެ ޖަމާއަތް ހުއްޓާލި ނަމަވެސް ބޭނުންވާ މަގުސަދު ހާސިލު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އިލްމުވެރިން ވިދާޅުވީ، މަގުތަކާއި ކެފޭތަކުގައި އަދި ކުޅިވަރު ކުޅޭ ތަންތަނުގައި އެތައް އިރެއްވަންދެން މީހުން ޖަމާވެ ތިބޭއިރު, މިސްކިތުގައި ޖަމާއަތުގެ ނަމާދުގައި ހޭދަކުރެވޭ ވަގުތު ބޮޑުތަނުން ވެސް މަދު ކަމަށެވެ. އެކަން އެގޮތަށް އޮތްއިރު ޖަމާއަތުގެ ނަމާދުކުރުން ހުއްޓާލައިފިނަމަ, އާންމު ރައްޔިތުން އެ ސުވާލުތައް ކުރިމަތި ކުރާނެ ކަމަށް ވިދާޅުވި އެވެ.

"މީގެ ސަބަބުން މީސްތަކުންގެ ހިތްތަކުގައި ސަރުކާރާމެދު ނަފްރަތު އުފެދި, ސަރުކާރުން އުޅެނީ ދީނީ ޝިއާރުތަކަށް ހުރަސްއަޅަން ކަމުގެ ތުހުމަތު އަންނާނެ. މިއީ ސަރުކާރަށާއި އަޅުގަނޑުމެންނަށް ވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެ،" ދީނީ އިލްމުވެރިން ވިދާޅުވި އެވެ.

ދީނީ އިލްމުވެރިން އިތުރަށް ވިދާޅުވީ ކެފޭތައް ރޭގަނޑު އަށެއް ޖަހާއިރު ބަންދުކުރި ނަމަވެސް, ދުވާލުގެ ގިނަ ވަގުތުތަކުގައި އެތައް ބަޔަކު އެތަންތަނަށް ޒިޔާރަތްކޮށް ޖަމާވެ, މާސްކު ވެސް އެޅުމެއް ނެތި އެތައް ގަޑިއިރެއް ހޭދަކުރާ ކަމަށެވެ. އެހެންކަމުން މިސްކިތުގެ ޖަމާއަތް ހުއްޓާލުމަށް ވިސްނުމަކީ އެއްހަމަޔަކުން ވަޒަން ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

މިސްކިތްތަކަކީ މި ބިންމަތީގައިވާ އެންމެ މުގައްދަސް ބިނާތައް ކަމަށްވީ އިރު އަދި ޖަމާއަތުގެ ނަމާދަކީ މުސްލިމުންގެ އެންމެ މުގައްދަސް އަޅުކަމަށްވީ އިރު މިވަރުގެ ބޮޑުކަމެއް ހުއްޓާލަން ވާނީ, ހުރިހާ ދިމާލަކުން އެއްހަމަޔަކުން އެއް ތަރާދަކުން ވަރުގަދަ ފިޔަވަޅުތައް އެޅި އެނޫން އެއްވެސް ގޮތެއް ނެތިގެން ކަމަށް ވެސް އިލްމުވެރިން ވިދާޅުވިއެވެ.

"މިސްކިތުގެ ޖަމާއަތް ހުއްޓުވުމުން މަގުމައްޗަށް ނުކުންނަ މީހުންނާއި އެހެނިހެން ތަންތަނަށް ޖަމާވާ މީހުން މަދުކުރެވިދާނެ ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. ވީއިރު ޖަމާއަތް ހުއްޓުވާލައިގެން މިކަމުގެ މަގުސަދު ހާސިލެއް ނުވޭ،" ދީނީ އިލްމުވެރިން ވިދާޅުވި އެވެ.

މި ކަންބޮޑުވުންތަކާއެކު ދީނީ އިލްމުވެރިން ވަނީ މި ހާލަތުގައި އެޅިދާނެ ބައެއް ކަންކަމުގެ ލަފާ އެޗްޕީއޭއަށް އަރުވައިފަ އެވެ.

އެގޮތުން ބަންގި ގޮވާނިމިގެން ވަގުތުން ގަމަތްދީ ނަމާދަށް ފެށުމާއި ނަމާދުގައި ވީހާވެސް ކުރުކޮށް ކިޔަވައިގެން ނަމާދު ކުރުކޮށްލުމަށް އެންގުމާއި ގިނަ ވަގުތު މިސްކިތުގައި ހޭދަނުކުރުމަށް އެންގުމާއި ބަލިމީހުންނާއި ބައްޔަށް ކިރިޔާ ވެސް ޝައްކު ކުރެވޭ މީހުން މިސްކިތައް ނައުމަށް ބާރުއެޅުން ހިމެނެ އެވެ.

އިލްމުވެރިން ވިދާޅުވީ ބަންގި ގޮވާނިމިގެން ވަގުތުން ގަމަތްދީ ނަމާދަށް ފެށި ނަމަވެސް ސުންނަތް ކުރާ މީހަކަށް ފަހުން ސުންނަތް ގަލޯ ކުރުމަކީ ހުއްދަކަމެއް ކަމަށެވެ.