އިދިކޮޅުގެ މުޒާހަރާ ރޫޅާލުމުގެ ގޮތުން އެކަމުގައި އިސްކޮށް އުޅޭ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ އެއްވުން ރޫޅާލުމުގެ ބޭނުމުގައި އެ އެއްވުން ބޭއްވުމުގައި އިސްކޮށް އުޅޭ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިސްފައިވާ ކަމަށެވެ.
"މަގޭ ފުލެޓް ކޮބާ؟"ގެ ނަމުގައި އިދިކޮޅުން މިއަދު މާލޭގައި ކުރަން ނިންމާފައިވާ މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:15 ގައެވެ. އެއްވުމުގެ ބައިވެރިން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އޮފީސް ދޮރުމައްޗަށް ޖަމާވަމުން ދަނިކޮށް އޭގެތެރެއިން ބައެއް މީހުން ފުލުހުން ވަނީ ފުލުހުންގެ ވެހިކަލަށް އަރުވައިގެން އެ ސަރަހައްދުން ގެންގޮސްފަ އެވެ. އޭގެ ތެރޭގައި މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ފުލުހުންނާއި ހޯމް މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.
އެގޮތުން ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިނިވަންކަމާއެކު ހިޔާލުފާޅުކުރުމުގެ ހައްގާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގަކީ ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިގެންވާ އަދި ސަރުކާރުން އެކަން ކަށަވަރުކޮށް ދޭ ހައްގުތަކެއް ކަމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތް ކުރުމެއް ނެތި، ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށްޓަކައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވުންތަކާއި ހިނގާލުންތައް ނުރޭވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު