ކޮވިޑާ މެދު މީހުން ސަމާލުވާ މިންވަރު ކުޑަވެފައިވާ ކަމަށާއި އަޅާފައިވާ ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާއެއް ނުފެންނަ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް)ގެ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާއެއް ފެންނަމުން ނުދާ ކަމަށެވެ. އަދި ބައްޔާ މެދު މީހުން ސަމާލުކަން ދޭ މިންވަރު ކުޑަކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ފަހަރު ވެހިކަލް ދުއްވުން މަނާކުރި ނަމަވެސް މީހުންގެ މޫވްމަންޓްތަކަށް މާބޮޑު ބަދަލެއް އަންނަ ކަމެއް ފާހަގައެއް ނުކުރެވޭ. އަޅުގަނޑު ކުރީންވެސް ފާހަގަކުރި ގޮތަށް ބައްޔާ މެދު މީހުންގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފައި،" ޝަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަހީދު ވިދާޅުވީ، ކޮވިޑަކީ ނުރައްކާތެރި ބައްޔެއްކަން މިހާރު ގިނަ މީހުންނަށް ނުވިސްނޭ ކަމަށާއި ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ ކޮވިޑަކީ ވަރަށް އާދައިގެ ރޯގާއެއްގެ ގޮތުގައި ކަމަށެވެ.

"ނަމަވެސް ކޮވިޑް ޖެހިގެން ރަނގަޅުވާ ބައެއް މީހުންނަށް އޭގެ އަސަރު ގިނަ ދުވަސްތަކަަށް އެބަކުރޭ. މިސާލަކަށް މޭ ފާރުވުން ފަދަ ކަންކަން. އެހެންކަމުން އެއްގޮތަކަށްވެސް ނުރައްކާ ކުޑަ ބައްޔެއް ނޫން މިއީ،" ޑރ. ޝަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަހީދު ވިދާޅުވީ، ކެފޭތަކުގައި ހޭދަކުރާ ވަގުތު ގިނަވުމާއި މާސްކު ނާޅާ ގިނައިރުތަކެއް ވަންދެން ތިބޭ މަންޒަރު ފެންނަ ކަމަށާއި އެއީ ކޮވިޑް ފެތުރުމަށް އޮތް ބޮޑު ފުރުސަތެއް ކަމަށެވެ.

މާލޭގައި ކޮވިޑް 19ގެ ހާލަތު ގޯސްވެ ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ހެލްތު އަހުމަދު ނަސީމް ވެސް މިއަދު ވަނީ ވިދާޅުވެފައެވެ. ފަހަކަށް އައިސް މާލޭ ސަރަހައްދުން އެވްރެޖުކޮށް ކޮންމެ ދުވަހަކު 100 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއެވެ.