މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 50 ޕަސެންޓް މުވައްޒަފުންނަށް ކޮވިޑް ވެކްސިން ދީފިއެވެ.

ފުލުހުން ބުނީ، އެ މުއައްސަސާގެ ތެރޭގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 50 ޕަސެންޓް މުވައްޒަފުންނަށް ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވާ ކަމަށެވެ. އެގޮތުން އިއްޔެގެ ނިޔަލަށް މާލޭ ސަރަހައްދުގައި މަސައްކަތް ކުރާ 1676 މުވައްޒަފަކު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް ބުންޏެވެ.

ފުލުހުންނަށް ވެކްސިން ދެމުން އަންނަނީ ޕޮލިސް މެޑިކަލްގެ ބެލުމުގެ ދަށުންނެވެ.

ފުލުހުން ބުނީ، ވެކްސިން ނުޖަހައިގެން ފިޔަވަޅު އަޅަން ނިންމާފައި ނުވާ ކަމަށެވެ. އަދި އެ މުއައްސާސަގައި މަސައްކަތްކުރާ މުވައްޒަފުން ތިބީ ވެކްސިން ޖަހައިގެން ބަލިން ރައްކާތެރިވެ، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދީ މި ހާލަތު ބަދަލުކުރުމުގެ އުންމީދުގައި ކަމަށް ބުންޏެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާ އިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނެވެ. މިހާތަނަށް ރާއްޖޭގެ 90،865 މީހަކަށް ވަނީ ވެކްސިން ޖަހައިފައެވެ.