ޚަބަރު

މާލެ މިހާރު މިއޮތީ ލޮކްޑައުންއަކަށް ދާ ހާލަތުގައި: މިނިސްޓަރު ނަސީމު

1

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދިއުމާއެކު، މާލެ މިހާރު މިއޮތީ ފުލް ލޮކްޑައުންއަކަށް ދާން ޖެހޭ ހާލަތުގައި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވާލުމާއި ގުޅޭ ގޮތުން ޓުއާ އޮޕަރޭޓަނުންނާއެކު މަޖިލީހުގައި މިއަދު ކުރިއަށްދާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮންނަނީ ޓޫރިޒަމްއަށް ކަމަށްވާއިރު، ލޮކްޑައުންއަކަށް ދިޔުމުގެ ގާބިލުކަމެއް ރާއްޖޭގައި ނެތް ކަމަށެވެ.

"އެހެންނަމަވެސް މިހާރު ދިވެހިރާއްޖޭގެ މާލޭގެ ހާލަތު، މުޅި ރާއްޖެއެއް ނޫން އަދި ރިސޯޓުތަކުގެ ހާލަތެއް ވެސް ނޫން. އެކަމަކު މާލެ މިއޮތީ ރީއްޗަށް ލޮކްޑައުންއަކަށް ދާ ފެންވަރުގައި. އެހާ ނުރައްކާތެރިކޮށް މާލެ މިއޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމު ވިދާޅުވީ، މާލޭގައި ކޮވިޑު ބަލީގެ ކޮންޓްރޯލް ގެއްލިފައިވާއިރު، ލޮކްޑައުންއަކަށް ނުގޮސް އެހެން ގޮތްގޮތުން އެކަންތައް ކޮންޓްރޯލް ކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ. އަދި އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި އެ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނަސީމު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ޓީވީތައް މެދުވެރިކޮށް މިހާރަށްވުރެ ބޮޑަށް މައުލޫމާތު ފެތުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރާނެ ކަމަށެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން ދަށްވެފައެއް ނުވެއެވެ. ކޭސްތަކުގެ އަދަދުތައް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދަށުގައި އުޅުނު ނަމަވެސް، މިދިޔަ މަހުން ފެށިގެން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 ކޭސް ފެނެއެވެ.