ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފުލެޓްތައް އަންނަ މާޗު މަހުގެ ފަހުކޮޅު ހަވާލުކުރަން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހިޔާ ފުލެޓުތައް ހަވާލުކުރެވޭނެ ތާރީހަކާ ގުޅެގޮތުން "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ހިޔާ ފުލެޓުތަކުގެ ދާއިމީ ލިސްޓު ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ނެރެފައިވީ ނަމަވެސް، ފުލެޓުތަކުގެ އެގްރިމެންޓު ހަދައި ފުލެޓުތައް ހަވާލުކުރުމުގެ ކުރިން އަށް ކަމެއް ކަށަވަރުކުރުމަށް އެ ކޮމިޓީން އަންގާފައިވާ ކަމަށެވެ.
- ފްލެޓް ހަވާލުކުރެވޭ އެއްވެސް ފަރާތަކީ މީގެ ކުރިން ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިން ޕްރޮގްރާމަކުން ފުލެޓް ލިބިފައިވާ ފަރާތެއް ނޫންކަން ކަށަވަރުކުރުން
- ދެމަފިރިންނަށް ފުލެޓް ލިބޭ ހާލަތްތަކުގައި ދެމަފިރިންނަށް ހަވާލުކުރަނީ އެއް ފުލެޓްކަން ކަށަވަރުކުރުން
- ފުލެޓް ހަވާލުކުރެވޭ ފަރާތަކީ މާލެއިން 700 އަކަފޫޓަށްވުރެ ބޮޑު ބިމެއް، ގޯއްޗެއް އެމީހާގެ ރަޖިސްޓަރީގައި އޮތް ފަރާތެއް ނޫންކަން ކަށަވަރުކުރުން
- އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީން ފުލެޓް ހަވާލުކުރެވޭ ފަރާތަކީ ދަރިން ބަލަމުންދާ ފަރާތްކަން ކަށަވަރުކުރުން. އެގޮތުން އެ ކެޓަގަރީގެ ދާއިމީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން ދަރިން ބަލަމުންދާ ކަމަށް މަންމަ ނުވަތަ ބައްޕަ ވެސް ފޯމު ހުށަހަޅާފައިވާނަމަ ފުލެޓް ހަވާލުކުރުމުގެ ކުރިން ފުލެޓް ހަވާލުކުރަނީ ދަރިން ބަލަމުންދާކަން ކަށަވަރުކުރުން
- ނުކުޅެދުންތެރިކަން ހުންނަ ކެޓަގަރީން ފުލެޓު ލިބޭ ފަރާތާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތް ދިރިއުޅޭކަން ކަށަވަރުކުރުން. އަދި ފުލެޓްގެ ރަޖިސްޓަރީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތް ހިމަނަންޖެހޭ. އަދި ނުކުޅެދުންތެރިކަން ހުންނަ ކެޓަގަރީން އެ ފަރާތާއި އެ ފަރާތް ބަލަހައްޓަމުންދާ ފަރާތަށް ފުލެޓް ލިބޭ ހާލަތުގައި ވެސް ފުލެޓް ލިބޭނީ އެއް ފުލެޓްކަން ކަށަވަރުކުރަންޖެހޭ
- ފުލެޓް ހަވާލުކުރުމުގެ ކުރިން ދެމަފިރިން ވަރިވެ ދާއިމީ ލިސްޓުގައި ދެމަފިރިންގެ ނަން ހިމެނިފައިވާނަމަ ފުލެޓް ހަވާލުކުރެވޭނީ ދަރިން ބަލަހައްޓަމުންދާ ފަރާތްކަން ކަށަވަރުކުރަންޖެހޭ. އަދި ދެމަފިރިންގެ ދަރިން ނެތް ހާލަތުގައި ފުލެޓް ހަވާލުކުރާ ފަރާތް ކަނޑައަޅާނީ ދެފަރާތުގެ ހާލަތަށް ބެލުމަށްފަހުގައި
- ފުލެޓް ހަވާލުކުރުމުގެ ކުރިން ފުލެޓް ލިބޭ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ސަރުކާރުގެ އެހެން ސޯޝަލް ހައުސިން ސްކީމަކުން ފުލެޓް، ރޯހައުސް، ގޯތި ލިބިފައިވާ ފަރާތެއްވާނަމަ ފުލެޓް ހަވާލުނުކުރުން ކަށަވަރުކުރުން
- ސިވިލް ސާވިސް ކެޓަގަރީގައި އެމީހުން ސިވިލް ސާވިސްގައި ތިބިތޯ ކަށަވަރު ކުރަންޖެހޭ. އޭގެ ތެރޭގައި ރިޓަޔަމަންޓް ނުހިމެނޭނެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ، މިކަންކަން ކަށަވަރު ކުރުމަށް ދައުލަތުގެ އެކި މުއައްސަސާތަކާއެކު ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުން އަދި ކުންފުނިތަކުން ހަދާ ފުލެޓްތައް ލިބޭ މީހުން، ހިޔާ މަޝްރޫއުގެ ލިސްޓުގައި ތިބިތޯ ބެލުމަށް އެ މުއައްސަސާތަކާ ހަވާލުކޮށްފައިވާ ކަމަށާއި އަދި އެކަމަށް ތިން ހަފުތާ ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ ފުލެޓްތައް ހަވާލުކުރަން ފެށޭނީ މާޗް މަސް ނިމެންވާއިރަށޭ. އެހެން ނަމަވެސް ނުއެއް ވަދެވޭނެކަން އަޅުގަނޑަށް އެނގޭ. އެތަނަށް ވަނުމަށްޓަކާ އެއާއެކު ދޭނަން އިތުރު ތިން މަސް. އެތަނުން އަގު ނުނަގާ، އެއީ އެތަނަށް ވަނުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުގެ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން ހަދާފައިވާ އެ ފްލެޓްތަކުގެ ފިނިޝިން ނިންމާފައި ނުވާތީ މި ސަރުކާރުން ކުރިން ވަނީ އެ މަސައްކަތްތައް ވެސް ނިންމައި ފްލެޓްތައް ހަވާލުކުރާށެވެ. އަދި އެ މަސައްކަތް ނިންމުމަށް 45 މިލިއަން ޑޮލަރު (695 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން ވެސް ނިންމިއެވެ.
ނަމަވެސް ފްލެޓްތައް ދިނުން ލަސްވެގެން ކުރާ ޝަކުވާތަކާ ގުޅިގެން ކުރީގެ ސަރުކާރުން ނިންމި ގޮތަށް އެތަންތަން ހަވާލުކުރަން ނިންމައި، ފިނިޝިން މަސައްކަތްތަކަށް ނަގަން އުޅުނު ލޯނު ވެސް ވަނީ ނުނަގާ ގޮތަށް ނިންމައިފައެވެ.
ހިޔާ ފުލެޓުތައް އަންނަ މާޗު މަސް ނިމުމުގެ ކުރިން ހަވާލުކުރާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އިރު، އެ ފުލެޓްތަކަށް ފެނާއި ނަރުދަމާ ގުޅުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ވަނީ ނިންމާލައިފައެވެ. އަދި އެތަންތަނަށް ކަރަންޓުލުމުގެ މަސައްކަތް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު