ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ފްލެޓްތައް ލިބޭ މީހުންނަށް، އެތަނުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ކުލި ނުހިނގާ ގޮތަށް ތިން މަސް ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ޗައިނާ ސަރުކާރުގެ އެންމެ ބާރު ގަދަ އެއް ކުންފުނި ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 25 ބުރީގެ 16 ޓަވަރު ހަދައިފައިވާ އެތަނުގައި ޖުމްލަ 7000 ހައުސިން ޔުނިޓް ހިމެނެއެވެ.

ނަމަވެސް 400 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ހެދި އެތަން ހަވާލުކުރާނީ ތަޅުމުގައި ތަށިމުށި ނުޖަހައި ކޮޓަރިތަކާއި ފާހާނާތަކުގައި ދޮރު ހަރުނުކޮށް އަދި ކުލަ ވެސް ނުލައެވެ. އެހެންކަމުން އެކަންކަން ކުރުމަށް މުއްދަތެއް ދޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިން އޮތީ ބުނެފަ އެވެ. ނަމަވެސް ދޭނެ މުއްދަތެއް ނުބުނެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހިޔާ ފުލެޓްތައް ހަވާލުކުރެވޭނެ ތާރީހަކާ ގުޅެގޮތުން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ހިޔާ ފުލެޓްތަކުގެ ދާއިމީ ލިސްޓު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ނެރުއްވާފައިވީ ނަމަވެސް، ފުލެޓްތަކުގެ އެގްރިމެންޓު ހަދައި ފުލެޓްތައް ހަވާލުކުރުމުގެ ކުރިން އަށް ކަމެއް ކަށަވަރު ކުރުމަށް އެ ކޮމިޓީން އަންގާފައިވާ ކަމަށެވެ.

އަދި އެކަންކަން ކަށަވަރު ކުރުމަށް ދައުލަތުގެ އެކި މުއައްސަސާތަކާއެކު ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުން އަދި ކުންފުނިތަކުން ހަދާ ފުލެޓްތައް ލިބޭ މީހުން، ހިޔާ މަޝްރޫއުގެ ލިސްޓުގައި ތިބިތޯ ބެލުމަށް އެ މުއައްސަސާތަކާ ހަވާލުކޮށްފައިވާ ކަމަށާއި އަދި އެކަމަށް ތިން ހަފުތާ ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ ފުލެޓްތައް ހަވާލުކުރަން ފެށޭނީ މާޗް މަސް ނިމެންވާއިރަށޭ. އެހެން ނަމަވެސް ނުއެއް ވަދެވޭނެކަން އަޅުގަނޑަށް އިނގޭ. އެތަނަށް ވަނުމަށްޓަކާ އެއާއެކު ދޭނަން އިތުރު ތިން މަސް. އެތަނުން އަގު ނުނަގާ އެއީ އެތަނަށް ވަނުމަށްޓަކާ ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ފިނިޝިންގެ މަސައްކަތްތައް ކޮންޓްރެކްޓުގައި ހިމެނިފައި ނެތް ކަމަށް އެޗްޑީސީން ބުނި ނަމަވެސް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެކަން ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ޕްރޮޖެކްޓް ފައިސާ ހަމަޖެހިފައިވަނީ ހުރިހާ ހަރަދެއް ހިމަނައިގެންނެވެ.