ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން މިއަދު 4،962 މީހަކު ވެކްސިން ޖަހައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި 4،962 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އެއާއެކު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމުލަ 85،110 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ.
މިއަދު ވެކްސިން ޖެހި 4،962 މީހުންގެ ތެރެއިން 2،700 މީހަކު ވެކްސިން ޖަހާފައިވަނީ މާލެއިންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 2،262 މީހެކެވެ. މިހާތަނަށް ވެކްސިން ޖެހި ޖުމުލަ 85،110 މީހުންގެ ތެރެއިން މާލެއިން 61،777 މީހަކު، އަތޮޅުތެރެއިން 23،333 މީހަކު އަދި ރިސޯޓުތަކުން 1،459 މީހަކު ވެކްސިން ޖަހާފައިވެއެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފައެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. އަދި އިންޑިއާ އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އިތުރު 100،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ހަދިޔާކޮށްފައެވެ.
އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 10،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެއެވެ. އަދި ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަން ވެސް ވަނީ ނިންމައިފައެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި، ހެލްތު ފެސިލީތައް ބޭނުންކޮށްގެން، ރާއްޖޭގެ ހުރިހާ ރަށަކުން ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ. ޓާގެޓަކީ ދުވާލަކު 10،000 މީހުންނަށް ވެކްސިން ދިނުން ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު