އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޝިޕްމަންޓު ވެސް މިހާރު ހުރީ ރާއްޖޭގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ވެކްސިން އެބަހުރި ކަމަށާއި މެދުކެނޑުމެއްނެތި ވެކްސިނޭޝަން ޕްރޮގްރާމު ކުރިއަށްދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މެދުނުކެނޑި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ. ވެކްސިން އެބަހުރި، މެދުނުކެނޑި ކުރިއަށްގެންދެވޭނެ. 20 ފެބްރުއަރީގައި އަޅުގަނޑުމެންނަށް ވަނީ އެއް ލައްކަ ޑޯޒް ލިބިފައި،" އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތުދެއްވަމުން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރަންސް ތަސްލީމާ އުސްމާން މިރޭ "ވަން"އަށް ވިދާޅުވީ އެ އެއް ލައްކަ ޑޯޒްއަކީ އިންޑިއާ ސަރުކާރުން ފަހުން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ކަމަށާއި އެ ޝިޕްމަންޓް މިހާރު ހުރީ ރާއްޖޭގައި ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަބާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ހަދިޔާކުރުމުގެ ރަމްޒީ ފިލާ ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ރާއްޖޭގެ ފަރާތުން ފިލާއާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

ރާއްޖޭގައި މިހާރު ދެމުން އަންނަނީ ވެސް އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ވެކްސިނެވެ. އެއް ލައްކަ ޑޯޒްގެ އެ ޝިޕްމެންޓް ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި މިމަހުގެ އެކަކުން ފެށިގެން މިހާތަނަށް 80،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްގައި އުފައްދާ އޮކްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިން ބޭނުންކުރުމުގެ އެމަޖެންސީ ހުއްދައެއް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވެސް މިހާރު ވަނީ ދީފިއެވެ.