ކުރިއާ ހިލާފަށް މިހާރު ގިނައިން އެޑްމިޓްކުރަން ޖެހެނީ މެދު އުމުރުގެ މީހުން ކަމަށާއި ކުއްލިއަކަށް ހާލު ބޮޑުވާ މީހުން ގިނަ ކަމަށް ކްލިނިކަލް އެޑްވައިޒަރީ ޓީމުގެ ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ ގިނަ އަދަދެއްގެ މެދު އުމުރުގެ މީހުން އެޑްމިޓްކުރަން ޖެހުމަކީ ސިއްހީ އެހީތެރިންގެ ނަޒަރުން ވިސްނާއިރު ވަރަށް ކަންބޮޑުވާ ކަންތައްތަކެއް ކަމަށާއި އެ އަދަދުތައް ވެސް ކުޑަކުރެވޭނީ ޖުމުލަ ޕޮޒިޓިވްވާ އަދަދުވެސް ކުޑަކުރެވިގެން ކަމަށެވެ.

"ކުރިއާ އަޅާބަލާއިރުގައި މިހާރު ތަފާތު ކަމަކަށް އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ މިފަހަރު މި ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ހޮސްޕިޓަލުތަކުގައި ނުވަތަ ސެންޓަރުތަކުގައި އެޑްމިޓްކުރަން ޖެހޭ އުމުރުފުރާ ތަންކޮޅެއް ޅަކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ހާއްސަކޮށް މެދު އުމުރުގެ މީހުން ތަންކޮޅެއް ގިނައިން އަޅުގަނޑުމެންނަށް މިފަހަރު އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ. އަދި ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެހާ ބޮޑެތި އަލާމާތްތަކެއް ފެންނަން ނެތް ކަމުގައިވިޔަސް ކުއްލިއަކަށް ހާލު ދެރަވާ މީހުން ވެސް ވަރަށް ގިނައިން އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ،" ޑރ. މުރާދު ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ އެޑްމިޓްކުރަން ޖެހޭ މީހުން ގިނަވެގެން ދިއުމަކީ ސިއްހީ އެހީތެރިންނަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށާއި އެޑްމިޓްކުރަން ޖެހޭ އަދަދާ ބަލާއިރު ސިއްހީ އެހީތެރިންނެއް ނެތް ކަމަށެވެ.

"ކިތަންމެ ގިނަ ބަޔަކު އެޑްމިޓްކުރަން ޖެހުނަސް، ފަރުވާދޭން ތިބީ މިހާރުވެސް ތިބި ބަޔަކު. ގިނަ ދުވަސްތަކެއްގައި މިގޮތަށް ބަލި މީހުންނަށް ފަރުވާދޭން ތިބެންޖެހޭ ނަމަ، ސިއްހީ ހިދުމަތްތެރީން ވެސް ވަރުބަލިވާނެ. އެމީހުން އެ ދޭން ޖެހޭ ހިދުމަތްވެސް އެންމެ ފުރިހަމަ ގޮތުގައި ނުދެވޭނެ. އެއީ ހުރިހާ ފަރާތްތަކަށް ވެސް ލިބޭނެ މާޔޫސްކަމަކާއި އަދި ލިބޭނެ ގެއްލުމަކަށް ވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މަދުވަމުން ދިއުމަށްފަހު، މިއަހަރު ފެށުމާއެކު އަނެއްކާވެސް އަދަދުތައް ވަނީ މައްޗަށް އަރަން ފަށައިފައެވެ. ދުވާލެއްގެ މައްޗަށް މިހާރު 100 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެންނަ އިރު، ހޮސްޕިޓަލުތަކުން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް ގިނައެވެ. މިހާރު ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 162 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.