ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ ހިލާފަށް އޭނާގެ ލީޑާސިޕްގެ ދަށުން ކުރިއަށްގެންދިޔަ މުޒާހަރާ ރޫޅާލުމުގެ ބޭނުމުގައި ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އަދުރޭ ގެނައުމަށްފަހު މައުލޫމާތު ސާފުކުރުމަށްފަހު އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ސްޕޯކްސްޕާސަން ހީނާ ވަލީދު "ވަން" އަށް މިއަދު ވިދާޅުވީ އަދުރޭ ހައްޔަރުކޮށްފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ ގެއަށް ދިއުމަށްޓަކައި ޕާޓީ އޮފީހުން ނުކުތް ގަޑީގައި ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ޕީޕީއެމް އޮފީސް ކުރިމަތީގައި މިހާރު ކުރިއަށްގެންދާ މުޒާހަރާތަކުގައި މިއަދުވެސް ވަނީ އަދުރޭގެ އިތުރުން އިތުރު ތިން މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އެމީހުން ދޫކޮށްލިކަމެއް ސާފެއް ނުވެއެވެ.
އަދުރޭ ވަނީ މިދިޔަ މަހު އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާގައި ހައްޔަރުކޮށްފައެވެ. އަދި ދޫނިދުއަށް ގެންދިއުމަށްފަހު އެއް ދުވަސް ފަހުން ވަނީ ދޫކޮށްލައިފައެވެ.
ކޮވިޑުގެ އަދަދުތައް އިތުރުވަމުންދިއުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެއްފަހަރާ ދިހަ މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައެވެ. އަދި ފުލުހުން ވަނީ އެފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅައި، ދައުވާ ކުރާނެ ކަމަށްވެސް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު