ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިއަދު ކުރި މުޒާހަރާގެ ތެރެއިން ޕީއެންސީގެ ރައީސް އަދި ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހައްޔަރުކޮށްފިއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ސްޕޯކްސްޕާސަން ހީނާ ވަލީދު "ވަން" އަށް މިއަދު ވިދާޅުވީ އަދުރޭ މީގެ ކުޑަ އިރުކޮޅެއް ކުރިން ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ގެއަށް ދިއުމަށްޓަކައި ޕާޓީ އޮފީހުން ނުކުތް ގަޑީގައި ކަމަށެވެ.
ހީނާ ވިދާޅުވީ އަދުރޭ މިއަދުގެ މުޒާހަރާގައިވެސް ބައިވެރިވެފައިނުވާ ކަމަށާއި ހައްޔަރު ކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށްވެސް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ޕީޕީއެމް އޮފީސް ކުރިމަތީގައި މިހާރު ކުރިއަށްގެންދާ މުޒާހަރާތަކުގައި މިއަދުވެސް ވަނީ އަދުރޭގެ އިތުރުން އިތުރު ތިން މީހަކު ހައްޔަރުކޮށްފައެވެ.
އަދުރޭ ވަނީ މިދިޔަ މަހު އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާގައި ހައްޔަރުކޮށްފައެވެ. އަދި ދޫނިދޫގައި ގެންދިއުމަށްފަހު އެއް ދުވަސް ފަހުން ވަނީ ދޫކޮށްލައިފައެވެ.
އިދިކޮޅުން ވަނީ އަންނަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. މިދިޔަ ހުކުރު ދުވަހުވެސް ވަނީ އިދިކޮޅުން މުޅި މާލޭގައި މުޒާހަރާކޮށްފައެވެ.
ކޮވިޑުގެ އަދަދުތައް އިތުރުވަމުންދިއުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެއްފަހަރާ ދިހަ މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައެވެ. އަދި ފުލުހުން ވަނީ އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި، ދައުވާ ކުރާނެ ކަމަށްވެސް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު