ފުވައްމުލަކު ސިޓީގައި އުފެދިފައިވާ ކޮވިޑު ކްލަސްޓާ އިން އިތުރު ހަތަރު މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ފުވައްމުލަކުން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާއެކު ފުވައްމުލަކު ކްލަސްޓާ އިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 32 އަށް އަރައިފަ އެވެ.

ނާސިރު ވިދާޅުވީ ފުވައްމުލަކުގައި މިހާރު 30 އެކްޓިވް ކޭސް އުޅޭ ކަމަށާއި އެ ކޭސްތަކާ ގުޅިގެން 850 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެ މީހާ އަކީ ދުބާއީން އައިސް ފުވައްމުލަކުގައި ކަރަންޓީނުގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހެކެވެ. އެ ކޭސްތަކާ ގުޅިގެން ފުވައްމުލައް އޮތީ މޮނިޓަރިންގައެވެ.

ފުވައްމުލަކުން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.