ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ޏ. ފުވައްމުލައް/ މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ގޭބަންދަށް ބަދަލުކުރަން ނިންމި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 2:00 އަށެވެ.
އެމެރިކާއިން ކަނޑައަޅާ ޓެރަރިސްޓުންގެ ލިސްޓުގައި ވެސް ހިމެނޭ އަމީން ގޭބަންދަށް ބަދަލު ކޮށްފައިވަނީ، އޭނާގެ ބަންދުގެ އަމުރު މުރާޖައާ ކުރުމަށް މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވި ނިންމެވުމާ ގުޅިގެންނެވެ.
އަމީން ގެއަށް ބަދަލުކުރަން ނިންމެވީ، އޭނާގެ ބަނދަށް 14 މަސް ވެގެން ދިޔައިރު ވެސް އެކަށީގެންވާ ގޮތަކަށް އޭނާގެ ބޭސްފަރުވާގެ ކަންކަން ހަމަޖެހިފައިނުވާ ކަމަށް ވިދާޅުވެއެވެ.
ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ދައުލަތުން ބުނެފައިވަނީ އަމީންގެ ބޭސްފަރުވާގެ ކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދާ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެއާއެކު އޭނާ ގޭ ބަންދަށް ބަދަލުކުރުމަށް ކުރި އަމުރު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. މާދަމާ ބާއްވަން ތާވަލުކޮށްފައިވަނީ އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމެވެ.
ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި އަމީން ހައްޔަރުކުރީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
އެކަމާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަމީނަކީ ގިނަ ދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވަން އަމަލީ ގޮތުން ހަރަކާތްތެރިވެ، އެކަމަށް އެހީތެރިވެ ދީ ވާގިވެރިވަމުންދާ މީހެއް ކަމަށެވެ.
އޭގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓު ދިނުމުގެ އިތުރުން، ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސްފަރާތްތަކާ ވެސް އަމީން ގާތް ގުޅުމެއް ބާއްވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އަމީނަކީ އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށެވެ.
އަމީން އަކީ ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި މަރުތައް ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި، ރާއްޖޭގެ އައިއެސް ގޮފީގެ ލީޑަރުގެ ގޮތުގައި ފާހަގަކޮށްފައިވާ މީހާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު