ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ ރާއްޖޭގައި ކޮވިޑް މަރުގެ ޖުމުލަ 59 އަށް އަރައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު މަރުވެފައިވަނީ އުމުރުން 63 އަހަރުގެ އަންހެނެކެވެ. އަދި ކޮވިޑު ޖެހިގެން އޭނާއަށް ފަރުވާ ދެމުންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ. އެއީ ރާއްޖެއިން މި ބަލީގައި މަރުވި 59 ވަނަ މީހާއެވެ.

މިމަހު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ ހަތަކަށް އަރައިފައެވެ. އެ އެންމެންނަކީ ވެސް ދިވެހިންނެވެ. އޭގެ ތެރެއިން އެކަކު މަރުވެފައިވަނީ ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ.

މިއަދުގެ މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 52 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.