މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެވޭނީ އާބާދީގެ ބޮޑު ބަޔަކަށް ދެވަނަ ޑޯޒު ޖަހައި، ކޭސްތައް މަދުވުމުން ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ މެންބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުންވެސް ވެކްސިންގެ އަސަރު ކުރަން ވަގުތު ނަގާ ކަމަށެވެ. އެހެންކަމުން އެ ދުވަސްތަކުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަކީ މުހިންމު ކަމެއްކަމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިންގެ ރަނގަޅު ނަތީޖާ ފެންނާނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމުން ކަމަށެވެ.

"އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީ، ހާއްސަކޮށް ދެވަނަ ޑޯޒު ދިނުމަށްފަހު ނަންބަރުތައް ދަށްވީމަ މިހާރު ހުރި ފިޔަވަޅުތަކަށް ލުއިދެވޭނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑްގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެ ހަފްތާ ފަހުން ބައްޔާ ދެކޮޅަށް 60 އިންސައްތަ ރައްކާތެރިކަން ލިބޭ ކަމަށާއި ދެވަނަ ޑޯޒް ޖެހުމަށް ފަހު ދެ ހަފުތާވުމުން 70 އިންސައްތަ ރައްކާތެރިކަން ލިބޭ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި އެސްޓްރަޒެނެކާ ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިންގެ އެއް ލައްކަ ޑޯޒް އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން މިހާތަނަށް 64،048 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ.