އައްޑޫގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީވެ، އެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފައިވާ މުއްދަތު އިތުރުކޮށްފި އެވެ.

އައްޑޫ ސިޓީ ފުރަބަންދުކޮށްފައިވާތީ އާއި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާތީ، އެ ސިޓީގެ ހުރިހާ މިސްކިތްތެއްގައި ޖަމާއަތް ނުހެދުމަށް އިސްލާމިކް މިނިސްޓްރީން ފުރަތަމަ އެންގީ 10 ފެބްރުއަރީގެ ފަތިސް ނަމާދުން ފެށިގެން މިއަދުގެ އަސްރު ނަމާދުގެ ނިޔަލަށެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، އައްޑޫ ސިޓީގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށް އައްޑޫ ސިޓީގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ނުހެއްދުމަށް އަންގައިފަ އެވެ.

މިނިސްޓްރީން ބުނީ މި ދަނޑިވަޅުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާކުުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވާ ކަމަށެވެ.

އައްޑޫ ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވާ އިރު، އައްޑޫގެ ކެފޭ ރެސްޓޯރެންޓުތައް ބަންދުކޮށް، ހަމައެކަނި ޑެލިވަރީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ އަންގައިފައެވެ. އަދި ޑެލިވަރީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގައިފައެވެ.

އޭގެ އިތުރުން ގާޑިޔާތަކާއި ބޯކޮށާ ތަންތަން ވެސް ވަނީ ބަންދުކޮށްފައެވެ. އަދި އާއްމު މައިދާންތަކާއި ޕާކުތަކަށް މީހުން އެއްވެ ނޫޅުމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.