ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭގެ ހެޓްރިކާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ޕީއެސްޖީން ބޮޑު ތަފާތަކުން ބާސެލޯނާ ބަލިކޮށްފިއެވެ.
ބާސާ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ. މިދިޔަ އަހަރުގެ ރަނަރަޕް ޕީއެސްޖީން ނެރުނު ނަތީޖާއާއެކު ކުއާޓާ ފައިނަލަށް ދިޔުމަށް އެޓީމަށް އުންމީދު ބޮޑުވެފައިވާއިރު، ރޭގެ މެޗުގައި އެމްބާޕޭ ހެދި ހެޓްރިކަކީ ބާސާ ދަނޑުގައި އެޓީމު ކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅުންތެރިޔަކު ހެދި ދެވަނަ ހެޓްރިކެވެ. މީގެ ކުރިން އެކަން ހާސިލު ކޮށްފައިވަނީ ޔޫކްރެއިންގެ ލެޖެންޑަރީ ފޯވަޑް އަންދްރޭ ޝެވްޗެންކޯއެވެ.
އަނިޔާގައި ހުރި ޕީއެސްޖީގެ ސުޕަސްޓާ ނޭމާއާ ނުލައި ރޭގެ މެޗަށް އެޓީމުން ނުކުމެފައިވާއިރު، ޕީއެސްޖީގެ އާޖެންޓީނާ ފޯވަޑް އެންހެލް ޑިމަރިއާވެސް އަނިޔާގެ ސަބަބުން މެޗަށް ނުކުމެފައެއް ނުވެއެވެ. ޒުވާން ބާސާ ޓީމަކާ ދެކޮޅަށް ޕީއެސްޖީން ނުކުތްއިރު، ނޭމާ ނެތްތަން ފޫބެއްދީ މޮއިސް ކީންއެވެ.
މިދިޔަ އަހަރުގެ ރަނަރަޕް ޕީއެސްޖީ ކޮޅަށް މެޗުގެ 27 ވަނަ މިނެޓުގައި ބާސާއިން ވަނީ ގޯލް ޖަހާފައެވެ. ޑިޔޮންގަށް ކުރްޒާވާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނެލްޓީ ލިއޮނަލް މެސީ ކާމިޔާބު ކޮށްދީފައިވާއިރު، ހާފް ނިމުމުގެ ކުރިން އެމްބާޕޭގެ ފުރަތަމަ ގޯލާއެކު ޕީއެސްޖީން ނަތީޖާ ހަމަހަމަ ކުރިއެވެ.
ބާސާއިން ޓެކްނިކަލީ ރަނގަޅަށް ދެވަނަ ހާފް ފެށި ނަމަވެސް، ޕީއެސްޖީގެ ސްޕީޑަށް އެޓީމުގެ ޑިފެންސް ހޭނިގެން ދިޔަތަނެއް ނުފެނުނެވެ. ހާއްސަކޮށް އެމްބާޕޭ އަރިމަތިން ކުރިއަށް ޖެހޭ ކޮންމެ ފަހަރަކު ބާސާގެ ޑިފެންސް ފެނުނީ ގޮތް ހުސްވެގެން ދާތަނެވެ. ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ އެމްބާޕޭގެ ދެވަނަ ގޯލެއްގެ އިތުރުން މޮއިސް ކީން ބޮލުން ޖެހި ގޯލެއް ފެނިގެން ގޮސްފައިވެއެވެ.
އެ ދެގޯލާއެކު ބާސާއަށް އުންމީދު ގެއްލި، ކޮންމެހެންވެސް ގޯލެއް ޖަހަން ކުރިއަށް ޖެހެން މަޖުބޫރުވިއެވެ. އެޓޭކަށް ޓީމު ދިޔަ ވަގުތު ފަހަތަށް މާ ބޮޑު ސަމާލުކަމެއް ނުދެވި އޮއްވައި ޕީއެސްޖީގެ ޖޫލިއަން ޑްރެގްޒްލާ ކުރިއަށް ދެމި ގަނެ، އެމްބާޕޭއަށް ދިން ބޯޅަ އޭނާ ނިންމާލީ މަތީ ކަނަށެވެ.
ޕީއެސްޖީއާއި ބާސާ ކުޅޭ ދެވަނަ ލެގު މާޗު 20 ވަނަ ދުވަހު ޕެރިސްގައި އޮންނައިރު، ކުރިން ބާސާއާއެކު ޗެމްޕިއަންސް ލީގު ހޯދުމަށްފަހު ޕީއެސްޖީއަށް ރެކޯޑު އަގަކަށް ބަދަލުވި ނޭމާ އެ މެޗުގައި ފެންނާނެ ކަމަށް ބެލެވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު