ކޮވިޑާ ގުޅިގެން އައްޑޫ ސިޓީއަށް އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް ދަމަހައްޓަން ނިންމައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ މިމަހުގެ ނުވަވަނަ ދުވަހު އައްޑޫ ސިޓީގައި އެޅި ފިޔަވަޅުތައް މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށެވެ.

  • ރޭގަނޑު 8:00 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން
  • ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކުރުން
  • އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން
  • އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން
  • އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވުން މަނާކުރުން
  • ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން
  • ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުން
  • ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުން
  • ހޮޓާ/ކެފޭ، ރެސްޓޯރަންޓްތައް ހުޅުވައިގެން ހިދުމަތްތައް ދިނުން ހުއްޓައިލުން
  • މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން

އައްޑޫ ސިޓީން މިހާތަނަށް ދެ ކްލަސްޓާއެއް ވަނީ އުފެދިފައެވެ. އެއީ ހުޅުމީދޫ އެމްޓީސީސީ ސައިޓުން ފެނުނު ކްލަސްޓާއާއި ހިތަދޫން އުފެދުނު ކަލަސްޓާއެވެ. ހިތަދޫ ކަލަސްޓާއިން މިހާތަނަށް 42 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ހުޅުމީދޫ ކްލަސްޓާއިން 25 މީހަކު ޕޮޒިޓިވްވެފައިވެއެވެ.