ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓަކު ނަން ނެގި މައްސަލައަކާ ގުޅިގެން އޭނާގެ މައްސަލަ ޕީޕީއެމް/ޕީއެންސީ ކައުންސިލަށް ހުށަހަޅައިފިއެވެ.
ނަން އަނބުރާ ނަގާފައިވަނީ ހިތަދޫ ކޮރޮވަލު ދާއިރާއަށް ވާދަކުރާ މުހައްމަދު ޖިނާން ޖަލީލް (ޖެންކޯ) އެވެ. އޭނާ ނަން ނެގުމުން އެ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝިނާޒް މޫސާއަށް މިހާރު ވަނީ ގޮނޑި ކަށަވަރުފައެވެ.
އެނގިފައިވާ ގޮތުގައި ޖެންކޯ ނަން ނަގާފައިވަނީ ސިއްހީ ހާލަތު ހުރި ގޮތުންނެވެ. ޖެންކޯގެ މައްސަލަ ކައުންސިލަށް ހުށަހަޅާފައިވާ ކަން ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ.
އަލަށް އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުކުރާ 13 ގޮނޑީގެ ތެރެއިން ތިން ގޮނޑި މިހާރު ވަނީ ނަން ނެގުމުގެ ސަބަބުން އެމްޑީޕީއަށް ކަށަވަރުވެފައެވެ. އެއީ ހިތަދޫ ކޮރޮވަލު ދާއިރާއަށް ވާދަކުރާ އިބްރާހީމް ޝިނާޒް މޫސާގެ އިތުރުން ހުޅުދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ހުސެއިން ފައިޒުއްރަހްމާނާއި ހިތަދޫ ބޭރުމަތި ދާއިރާއަށް ވާދަކުރާ މަރިޔަމް ސައީދަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ނަން ނެގުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވަނީ ނަން ނަގައިފައެވެ. އެގޮތުން ކައުންސިލް އިންތިހާބުގައި ވާދަކުރާ 117 އަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އެމްޑީޕީ ކެންޑިޑޭޓުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު