ޚަބަރު

ނައިބު ރައީސްކަމުން ޖަމީލު ވަކިކުރީ ރައީސް ޔާމީން ވިދާޅުވުމުން: ތޯރިގު

އަލީ އަފާފް ރަމީޒު

ނައިބު ރައީސްގެ މަގާމުން ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، އެ މަގާމުން 21 ޖުލައި 2015 ގައި ޖަމީލު ވަކިކުރީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހުއެވެ.

ރައްޔިތުންގެ މަޖިލީހުން އެކަން ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ޖަމީލްގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޖަމީލް ވިދާޅުވީ އޭނާ ވަކިކުރުމުގެ ކުރިން ދިފާއުވުމުގެ ހައްގު އޭނާއަށް މަޖިލީިހުން ދީފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކަމަށާއި އެހެންކަމުން އޭނާ ނައިބު ރައީސްކަމުން ވަކި ކުރީ އިންސާފުވެރިކޮށް ކަމަށް ބުނެވޭނެ ހަމައެއް މިއަދު ނެތް ކަމަށެވެ.

"ފުރުސަތު ނިގުޅައިގަނެ، ހައްގަށް އުނިކަން ލިބޭ ގޮތަށް ތަފާތުކޮށްގެން ވަކިކުރީ. މިކަންކަމުގައި މިކަން ހިނގައި ދިޔައީ އިންސާފުވެރިކޮށް ކަމަށް ބުނެދެވޭނެ ހަމައެއް މިއަދަކު ނެތް." ޖަމީލް ވިދާޅުވެފައިވެއެވެ.

އެކަމަށް ރައްދުދެއްވައި ތޯރިގު ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ނައިބު ރައީސް ޖަމީލާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަކިކުރީ އެބޭފުޅުންނަށް އިތުބާރު ނުކުރެވޭ ކަމަށް ޕީޕީއެމްގެ ޕާލިއަމެންޓްރީ ގްރޫޕުގައި ރައީސް ޔާމީން ވިދާޅުވުމުން ކަމަށެވެ. އަދި އެ ދެބޭފުޅުން ވަކިކޮށްފައިވަނީ އެކަމަށް ޕީޕީއެމްގެ ޕާލިއަމެންޓްރީ ގްރޫޕުން އިއްތިފާގުވެ، ގާނޫނު އަސާސީ އާއި ރައްޔިތުން މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑރ. ޖަމީލް ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 78 މެންބަރުން ވޯޓާއެކުއެވެ. އޭނާގެ މައްޗަށް އިތުބާރު ނުކުރެވޭ ކަމަށް ހުށަހެޅީ މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތުގައި އަދާކުރަމުން ނުގެންދާ ކަމަށާއި ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ ބޭނުން ނުހިފައި، ސަރުކާރުގެ އިދިކޮޅު ފަރާތްތަކާ ގުޅުންތަކެއް ބާއްވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ދެކޮޅަށް ވާހަކަދައްކަވާފައި ނުވާތީއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ އޭރުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.