ހދ. ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 30 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތުގެ 68 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށް ބުންޏެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސެޕްޓެމްބަރު 24، 2019 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން 53،522.50 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމާއި 31،575.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުން ހިމެނެ އެވެ.

އޭގެ އިތުރުން 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 270 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން އަދި 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެ އެވެ. މި މަޝްރޫއަކީ 57.12 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން މިއަދު ވަނީ ސ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ވެސް ހިއްސާކޮށްފަ އެވެ.

އެ ކުންފުނިން ބުނީ، އެ މަޝްރޫއުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ އިރު، ބަނދަރަށް އަލަށް އިތުރުކުރާ ސަރަހައްދު ޕޭވްމަންޓް މަސައްކަތްތަކުގެ 96 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް ބުންޏެވެ.

ޖުމްލަ 35.4 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 35،496 އަކަ މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމާއި 22،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 496 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ތޮށިލުމާއި 115 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިން ބޭރުތޮށިލުން ހިމެނެ އެވެ. އަދި 2480 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ.