ރާއްޖޭގެ ފުޓުބޯޅަ ހުއްޓިފައި އޮތުމާއެކު އެކަމުގެ ސަބަބުން ކްލަބުތަކާއި ކުޅުންތެރިންނަށް ދިމާވާ ކަންބޮޑުވުންތަކާއެކު، ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފެށުމަށްޓަކައި، ކްލަބުތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެކްސިން ޖަހަން ތައްޔާރުވެއްޖެއެވެ.

ރާއްޖެއިން ކޮވިޑް 19ގެ އާ ވޭރިއަންޓެއް ފެނި، ކޮވިޑުގެ ތިންވަނަ ރާޅެއް އައުމާއެކު މާލެ ސަރަހައްދުގެ ހުރިހާ ކުޅިވަރު މުބާރާތްތައް ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގައިފައެވެ. އެ އެންގުމާއެކު ރާއްޖޭގެ ފުޓުބޯޅަވެސް އަނެއްކާ ހުއްޓުމަކަށް އައީއެވެ. ދިވެހި ޕްރިމިއާ ލީގު އެކަންޏެއް ނޫނެވެ، ތިންވަނަ އަދި ދެވަނަ ޑިވިޝަންވެސް މުއްދަތެއް ނެތް ގޮތަށް ފަސްވެގެން ދިޔައީއެވެ. މިދިޔަ ސީޒަންވެސް މެދުތެރެއިން ހުއްޓާލައި، ކެންސަލް ކުރަން ޖެހިފައި އޮތް އޮތުމުން ކްލަބުތަކަށް ހަމަ ނޭވައެއް ނުލެވިގެން އުޅެނިކޮށް، ލީގު އަލުން ހުއްޓާލުމާއެކު ހުރިހާ ކްލަބުތަކާއި ކުޅުންތެރިން، އަދި ކޯޗުންވެސް ވަނީ އެކަމުގައި ބޮޑެތި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކްލަބުތަކާއި ކުޅުންތެރިން، އަދި ކޯޗުންވެސް ފުޓުބޯޅަ ހުއްޓާލުމުން ދިމާވާ ދަތިތައް ހާމަކޮށް، މީޑިއާއަށް މައުލޫމާތުވެސް ދީފައިވާއިރު، ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރަންވެސް އެދިފައި ވެއެވެ.

ލީގު އަލުން ފެށޭނެ ގޮތެއް ހޯދުމަށް އެފްއޭއެމް އާއި ޔޫތު މިނިސްޓްރީންވެސް މަސައްކަތްތަކެއް ކޮށްފައިވާއިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވެފައި ވަނީ ލީގުގެ ކުޅުން އަލުން ފެށުމަށް ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެކްސިން ދިނުން މިއަދު ފެށޭނެ ކަމަށާއި، އެކަން ފަހިކޮށްދިނުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ އިތުރުން ޒުވާނުންގެ ވަޒީރު އަހުމަދު މަހުލޫފް ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ.

ވެކްސިން ޖަހާ ނިންމައި، ލީގު އަލުން ފަށާނެ ވަކި ތާރީހެއް އެފްއޭއެމުން އަދި އިއުލާން ކޮށްފައެއް ނުވެއެވެ.