ޚަބަރު

މާލެ ލޮކްޑައުން ކުރަން މަޝްވަރާއެއް ނުކުރޭ: ޑރ. އަފްޒަލް

އަލީ ޔާމިން

ކޮވިޑުގެ ހާލަތަށް ބަލައި، މާލެ ސަރަހައްދު ލޮކްޑައުން ކުރަން މަޝްވަރާ ނުކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މާލެ ލޮކްޑައުން ކުރުމުގެ މަޝްވަރާތަކެއް އަދި ނުކުރާ ކަމަށާއި އެފަދަ މަޝްވަރާތަކެއް ޕޮލިސީ ލެވެލްގައި ކުރާ ނަމަ އެކަން އަންގާނެ ކަމަށެވެ.

"ލޮކްޑައުން ކުރުމަކީ އަޅުގަނޑުމެން، އެޗްއީއޯސީގެ ލެވެލްގައި މަޝްވަރާކުރެވިގެންދާނެ ކަންކަން. އެހެންކަމުން އެފަދަ ކަމެއް ކުރާ ކަމަށްވަންޏާމު އެކަން ތިބޭފުޅުން (ނޫސްވެރިންނަށް) ހިއްސާކުރާނެ. އަދި އެފަދަ ނިންމުމެއް ނިންމާފައެއް ނުވޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރަން މަޝްވަރާ ނުކުރާކަމަށް ޑރ. އަފްޒަލް ވިދާޅުވެފައިވާ އިރު، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގުވެސް މީގެ ކުރިން ވަނީ އެފަދަ އިޝާރާތެއް ކުރައްވައިފައެވެ. އެގޮތުން ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ސިއްހީ ހިދުމަތްތެރީންނާއި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ދެވަނަ ލޮކްޑައުނަކަށް ނުގޮސް، ކޮވިޑްގެ ނަންބަރުތައް ތިރިކުރުމަށެވެ.

ކޮވިޑްގެ ތިންވަނަ ރާޅެއް ރާއްޖެއަށް ބިންދާލައިފައިވާ އިރު، މާލޭ ސަރަހައްދުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ރޭގަނޑު 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އިތުރުން ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮންމެ ދުވަހަކުވެސް 100 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއެވެ.