އިދިކޮޅުން މިއަދު މާލޭގައި ކުރި މުޒާހަރާގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑާ ހިލާފަށް އިދިކޮޅުން މިއަދުވެސް މާލޭގެ މަގުތަކަށް އެއްވެ، މުޒާހަރާކޮށްފައިވާއިރު ފުލުހުން ވަނީ އެ މުޒާހަރާ ރޫޅާލައިފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، މިއަދު އިދިކޮޅުން ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލާއި މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދާއި ސްޓްރިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނޭ ކަމަށް ހީނާ ވިދާޅުވިއެވެ.

މިއަދުގެ މުޒާހަރާގައިވެސް ދިހަ މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ އިރު، މުޒާހަރާގެ ބައިވެރިން ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައިފައެވެ.

އިދިކޮޅުން މިއަދު ބޭއްވި މުޒާހަރާ ފުލުހުން ރޫޅާލައިފައިވާ އިރު، އިއްޔެ ބޭއްވި މުޒާހަރާވެސް ފުލުހުން ވަނީ ރޫޅާލައިފައެވެ.

ކޮވިޑުގެ އަދަދުތައް އިތުރުވަމުންދިއުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިއްޔެއިން ފެށިގެން އެއްފަހަރާ ދިހަ މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައެވެ.