ސްނޯކަލިންއަށް ގޮސް އުޅެނިކޮށް ރޭ ގެއްލުނު ފަތުރުވެރިޔާ ހޯދަން ކައިރި ރަށްރަށުން އެހީތެރިވެދޭން ސިފައިން އެދިއްޖެ އެވެ

މި ފަތުރުވެރިޔާ އަކީ ރ. އަތޮޅުގައި އޮންނަ އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން ސްނޯކަލިންއަށް ދިޔަ އަންހެން ފަތުރުވެރިޔެކެވެ.

އެމްއެންޑީއެފުން ރޭ ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 8:58 ހާއިރު ކަމަށާއި ގެއްލުނު އިރު އެ ފަތުރުވެރިޔާ ލައިގެން ހުރީ ރަތް ކުލައިގެ މޫދު ހެދުމެއް ކަމަށެވެ. އެ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ފަތުރުވެރިޔާގެ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުގެ ރަށްރަށާއި އެ ސަރަހައްދުގައި ދަތުރު ކުރާ އުޅަނދުފަހަރުން ބަލައިދިނުމަށް ސިފައިން މިއަދު ވަނީ އެދިފަ އެވެ. އަދި ފަތުރުވެރިޔާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ހިއްސާ ކުރަން ވެސް ވަނީ އެދިފައެވެ.

އެމްއެެންޑީއެފުން ބުނީ ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ޑޯނިއާ ފްލައިޓު ބޭނުން ކޮށްގެން 275 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވައިގެމަގުން ބަލާފައިވާ ކަމަށާއި، ޑައިވް ކޮށްގެން 72000 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ބަލާފައިވާ ކަމަށެވެ.

މި ފަތުރުވެރިޔާ ސްނޯކްލިންއަށް ދިޔައީ އެކަންޏެވެ.