ޚަބަރު

ކޮވިޑް ވެކްސިނާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރަމުން ދިޔަ ވެބްސައިޓް ބްލޮކް ކޮށްފި

ރިފާ ހަލީލު

ކޮވިޑް ވެކްސިނާ ގުޅޭ ސައްހަ ނޫން މައުލޫމާތު ފަތުރަމުން ދިޔަ ދިވެހި ވެބްސައިޓް ބްލޮކް ކޮށްފި އެވެ.

ދިވެހި ބަހުން ލިޔެގެން ވެކްސިނާ ދެކޮޅަށް ސައްހަ ނޫން މައުލޫމާތު ފަތުރަމުން ދިޔަ މި ވެބްސައިޓަށް ނުވަދެވޭ ގޮތަށް ބްލޮކް ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މި ވެބްސައިޓް ބްލޮކް ކޮށްފައިވާއިރު މީގެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުންނާއި ފުލުހުން އަންނަނީ ބަލަމުންނެވެ.

މި ވެބްސައިޓްގެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ވަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

މި ވެބްސައިޓުގައި ވަނީ ވެކްސިން ޖެހުމުން ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށްބުނެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައްހަ ނޫން ރިޕޯޓުތަކާއި މައުލޫމާތު މި ވެބްސައިޓުގައި ވަނީ ގެނެސްފަ އެވެ. މި ވެބްސައިޓުގައި މި މައުލޫމާތުތައް އާންމު ކޮށްފައިވަނީ ރާއްޖޭގައި ވެކްސިން ޖަހަން ފެށުމުންނެވެ.

މި ވެބްސައިޓުގައި ހުރި މައުލޫމާތު ތަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާތީ އެޗްޕީއޭ އިން ބުނީ ކޮވިޑާ ގުޅޭ ސައްހަ މައުލޫމާތު ރަސްމީ އިދާރާތަކުން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެގޮތުން އެޗްޕީއޭ އާއި އެ ނޫން ވެސް ފަރާތްތަކުން މައުލޫމާތު ކަށަވަރުކުރުން މުހިންމު ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖޭގައި 33،000 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާއިރު ކުރިޔަށް އޮތް ހަތަރު ވަރަކަށް މަސް ތެރޭގައި ރާއްޖޭގައި އުޅޭ އެންމެނަށް ވެކްސިން ދޭން ވަނީ އަމާޒު ހިފައިފަ އެވެ.