މިއީ ކޮވިޑުގެ އެންމެ ނުރައްކާތެރި ރާޅު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ޑރ. ނަޒްލާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ކޮވިޑުގެ އެންމެ ނުރައްކާތެރި ރާޅު ކަމަށް ޔަގީން ކަމާއެކު ދަންނަވަން ކެރޭ ކަމަށެވެ. އެގޮތުން އެނދުމަތި ކުރެވޭ މީހުންގެ އަދަދު ބޮޑުތަނުން މަތިވެ، ހޮސްޕިޓަލްތައް ފުރި، އެޑްމިޓް ކުރާނެ އެނދުތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ވިދާޅުވި އެވެ.
"މި ބަލި ކޮންޓްރޯލް ކުރަން އެންމެނަށް ގޮވާލަން، މިހާރު ނުކުރެވިއްޖެނަމަ ފަހުން ނުވާނެ،" ނަޒްލާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަކީ ވަރަށް ވެސް ފަސޭހަ ކަމެއް ކަމަށެވެ. އެގޮތުން ރަނގަޅަށް އަތްދޮވެ، މާސްކު އަޅައި، ތިން ފޫޓް ދުރުމިން ބަހައްޓައިގެން އުޅުމުން މި ބަލި ކޮންޓްރޯލް ކުރަން ފަސޭހަވާނެ ކަމަށެވެ. އަދި އެންމެންގެ ރައްކާތެރިކަމަށް އަލާމާތް ފެނިއްޖެނަމަ އަވަހަށް ޓެސްޓު ކުރުމަށް ވެސް ނަޒްލާ ވަނީ ގޮވާލައިފަ އެވެ.
މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވުމާ ގުޅިގެން ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މިއަދުން ފެށިގެން ހަވީރު 6:00 އިން ހެނދުނު 6:00 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ކާފިއު ގަޑި އިތުރުކޮށް، ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނާކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު