ފުވައްމުލަކުގައި ޕާޓީތަކާއި ހަފުލާތައް ބޭއްވުން މަނާކޮށް، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނައިން ބޭރުގައި އުޅުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފި އެވެ.

ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެމީހާ އަކީ ދުބާއީއިން އައިސް ފުވައްމުލަކުގައި ކަރަންޓީނުގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހެކެވެ. އެ ފަހުން އިއްޔެގެ ނިޔަލަށް އެ ސިޓީން ވަނީ 11 މީހަކު ޕޮޒިޓިވްވެފަ އެވެ.

ފުވައްމުލަކުގައި ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން މިއަދު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން މާދަމާ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް ފުވައްމުލަކުގައި ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލުމަށާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވަ ހޯދުމަށް ދެވޭނެ އެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށް އަންގާފައިވާއިރު، ޕާޓީތަކާއި ހަފުލާތަކައި ރަސްމިއްޔާތުތައް އަދި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓުތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލަން ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.

އެޗްޕީއޭ އިން އިތުރަށް ވަނީ، އެ ސިޓީގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ސްކޫލުތަކަށް ދަރިވަރުން ހާޒިރު ވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުމަށް ވެސް އަންގައިފަ އެވެ. އަދި ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލަން އަންގާފައިވާއިރު ސެލޫންތަކައި ޖިމުތަކާއި ބޯކޮށާ ތަންތަން ވެސް ބަންދު ކުރަން ވަނީ އަންގައިފަ އެވެ.