ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޏ. ފުވައްމުލަކުގައި ކާފިއު ހިންގަން ނިންމައިފި އެވެ.
ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެމީހާ އަކީ ދުބާއީއިން އައިސް ފުވައްމުލަކުގައި ކަރަންޓީނުގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހެކެވެ.
އެ ފަހުން އެ ސިޓީން 11 މީހަކު ޕޮޒިޓިވްވެ، ރަށު ތެރޭގައި އިތުރަށް ބަލި ފެތުރިފައި އޮވެދާނެ ކަމުގެ ބިރުވެރިކަން ވަނީ އުފެދިފަ އެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ވަނީ، މާދަމާ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް ފުވައްމުލަކުގައި ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފަ އެވެ. އަދި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމައިފަ އެވެ.
އެގޮތުން ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލުމަށާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވަ ހޯދުމަށް ދެވޭނެ އެވެ.
އޭގެ އިތުރުން އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށާއި އަންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށް އަންގާފައިވާއިރު، ޕާޓީތަކާއި ހަފުލާތަކައި ރަސްމިއްޔާތުތައް އަދި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓުތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލަން ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު