ސައިނޯފާމް ވެކްސިންގެ އިތުރު 5،000 ޑޯޒް ރާއްޖެއަށް ލިބިއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، އިއްޔެ ރާއްޖެ ގެނައި އެ ވެކްސިނަކީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާކުރި ވެކްސިންތަކެއް ކަމަށެވެ. ނަމަވެސް އެ ފަރާތުގެ ނަން ހާމަ ކުރަން ބޭނުން ނުވާތީ، އެއީ ކޮން ފަރާތަކުން ދިން އެއްޗެއް ކަމެއް ނުބުނެ އެވެ.

މިމަހުގެ ކުރީކޮޅު ވެސް ރާއްޖެއަށް ހެޔޮ އެދޭ ފަރާތަކުން ވަނީ ސައިނޯފާމް ވެކްސިންގެ 5000 ޑޯޒު ހަދިޔާކޮށްފަ އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު މީގެ ކުރިން ވިދާޅުވީ، އެ ވެކްސިނާ ގުޅޭ އިތުރު މައުލޫމާތު ހޯދައި، ބަލަން ޖެހޭ ކަންތައް ބެލުމަށްފަހު ވެކްސިނަށް ހުއްދަ ދޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަމަށެވެ.

ސައިނޯފާމް ވެކްސިނަކީ ޗައިނާގެ ދެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ވެކްސިނެކެވެ. އެ ވެކްސިން މިހާރު އަންނަނީ ޗައިނާގެ އިތުރުން ބައެއް އެހެން ގައުމުތަކުގައި ވެސް ބޭނުންކުރަމުންނެވެ.