އުންމީދަކީ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދެވިގެންދިއުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ބޭއްވި ވޯލްޑް ސަސްޓެއިނަބަލް ޑެވެލޮޕްމެންޓް ސަމިޓް 2021 ގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވެ. މި ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާގެ ފަރާތުން ރާއްޖެއަށް ކޮވިޑް ވެކްސިން ފޯރުކޮށްދެއްވީތީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ވެކްސިން ޖެހުމުގެ ކަންކަން ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި އުންމީދަކީ ދެ މަސް ދުވަހުގެ ތެރޭގައި އެންމެންނަށް ވެކްސިން ދިނުން ކަމަށެވެ.

"އަޅުގަނޑު އުންމީދު މިކުރަނީ ދެ މަސް ދުވަހުގެ ތެރޭގައި ހުރިހާ ރައްޔިތުންނަށް ވެކްސިން ދެވޭނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާ އިރު، ވެކްސިން ޕްރޮގްރާމް ފެށުމަށް މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދީ ނިމޭނެ ކަމަށެވެ.

ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.

އެގޮތުން އިއްޔެގެ ނިޔަލަށް 16،251 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ. އަދި އިއްޔެ އެކަނިވެސް 3،306 މީހަކަށް ވެކްސިން ދީފައިވެއެވެ.

އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިއަދު ވަނީ އިތުރު 5000 ވެކްސިން ޑޯޒް ރާއްޖެ ގެނެސްފައެވެ. އަދި މި މަސް ނިމުމުގެ ކުރިން އެއް ލައްކަ ޑޯޒްގެ ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.