ހިޔާ ފްލެޓްތަކަށް މެއި ނުވަތަ ޖޫން ހިސާބުގައި ވަންނަން ފެށޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓް ލިބޭ މީހުން ދާއިމީ ލިސްޓު އިއްޔެ އާންމުކޮށްފައިވާއިރު، ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ފްލެޓްތަކުގައި މިހާރު ކުރިއަށްދަނީ ފެނާއި ނަރުދަމާ އަދި ކަރަންޓު ލުމުގެ މަސައްކަތް ކަމަށެވެ. އަދި އެތަނަށް މީހުންނަށް ވަދެވޭވަރު ވާނީ މިމަހުގެ މެދެއްހާ ހިސާބުގައި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކޮށްލި އިރުގައި އަންދާޒާ ކުރެވެނީ މެއި ޖޫންގައި މީހުންނަށް ފުރަތަމަ ވަދެވެން ފަށާނެ ކަމަށް،" މަބްރޫކު ވިދާޅުވި އެވެ.
މަބްރޫކު މިހެން ވިދާޅުވި އިރު، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވީޓީވީން ރޭ ގެނެސްދިން "ފަސްމަންޒަރު" ޕްރޮގްރާމްގައި ނެޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ހިޔާ ފްލެޓްތަށް އަންނަ މާޗް މަހުގެ ތެރޭގައި ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ޗައިނާ ސަރުކާރުގެ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން ހަދާފައިވާ އެ ފްލެޓްތަކުގެ ފިނިޝިން ނިންމާފައި ނުވާތީ މި ސަރުކާރުން ކުރިން ވަނީ އެ މަސައްކަތްތައް ވެސް ނިންމައި ފްލެޓްތައް ހަވާލުކުރާށެވެ. އަދި އެ މަސައްކަތް ނިންމުމަށް 45 މިލިއަން ޑޮލަރު (695 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން ވެސް ނިންމިއެވެ.
ނަމަވެސް ފްލެޓްތައް ދިނުން ލަސްވެގެން ކުރާ ޝަކުވާތަކާ ގުޅިގެން ކުރީގެ ސަރުކާރުން ނިންމި ގޮތަށް އެތަންތަން ހަވާލުކުރަން ނިންމައި، ފިނިޝިން މަސައްކަތްތަކަށް ނަގަން އުޅުނު ލޯނު ވެސް ވަނީ ނުނަގާ ގޮތަށް ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު