ނުރައްކާތެރި އީމެއިލްތަކެއް ފޮނުވައި ސަރުކާރު އިދާރާތަކަށް ގިނަ އަދަދަކަށް ސައިބާ ހަމަލާތައް ދެމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް ސަރުކާރުގެ މުއައްސަސާތަކަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ ހިދުމަތުގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އަށް ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ މުއައްސަސާތަކުންނާއި އާންމު ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ފުލުހުން ބުނީ މިގޮތުން ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ، ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި ކަމަށެވެ. އަދި ހަމަލާދޭ ފަރާތްތަކުން މި އީމެއިލްތަކުގައި ހިމަނާފައި ހުންނަ ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ފޮނުވާފައި ހުންނަނީ ރަސްމީ އިންވިޓޭޝަނެއް، ލިޔެކިޔުންތަކެއް ނުވަތަ ފައިލް-ޝެއަރިން ލިންކުތަކެއްގެ ގޮތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިފަދަ ނުރައްކާތެރި ލިންކުތަކަށް ވަދެވި ނުވަތަ ފައިލްތައް ހުޅުވިއްޖެނަމަ، އެ މީހެއްގެ ޔޫޒާނޭމް އަދި ޕާސްވޯޑް ފަދަ މުހިންމު މައުލޫމާތުތައް ހެކަރުންނަށް ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ފުލުހުން ބުނެއެވެ. އޭގެ ސަބަބުން އިދާރާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެ، ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ މަގު ފަހިވެގެން ދާ ކަމަށްވެެސް ފުލުހުން ބުންޏެވެ.
"މި ހާދިސާތަކުގައި ބޭނުންކޮށްފައިވާ އުކުޅުތަކާއި ވަސީލަތްތަކަށް ބަލާއިރު، ސީސޮކުން ލަފާކުރާ ގޮތުގައި މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން، ރޭވިގެން ކުރިއަށްގެންދާ ކެމްޕެއިނެއްގެ ބައެއް ކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ސީސޮކުން ދަނީ މި ހަރަކާތްތައް ވަރަށް ގާތުން މޮނީޓާ ކުރަމުންނެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، މި ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށް، ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމަށް ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގު އަދި ޓެކްނިކަލް އެނަލިސިސް މިހާރުވެސް ދަނީ ކުރިއަށެވެ،" ފުލުހުން ބުންޏެވެ.
ސައިބާ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ސަމާލުވާންވީ ކަންކަން:
- އީމެއިލާއެކު އަންނަ އުންމީދު ނުކުރާ ލިންކުތަކާއި އެޓޭޗްމަންޓްތައް، އެއީ ރައްކާތެރި އެއްޗެއްކަން ޔަގީން ނުކުރެވެނީސް ނުހުޅުވުން
- ފެންނަ ފެނުމަށް ދަންނަ މީހެއް ނުވަތަ އިތުބާރު ކުރެވޭ އިދާރާއަކުން ފޮނުވާފައިވާ އީމެއިލެއް ކަމުގައިވިޔަސް، އާދަޔާ ހިލާފު ކަމަކަށް އެދިފައިވާނަމަ، އެހެން ޒަރީއާއަކުން (މިސާލަކަށް ފޯނުން) ގުޅައިގެން އެއީ ސައްހަ އީމެއިލެއްތޯ ކަށަވަރު ކުރުން
- އީމެއިލްގައިވާ ލިންކަކަށް ފިތާލައިގެން ހުޅުވޭ ޕޭޖެއްގައި ޔޫޒާނޭމް އަދި ޕާސްވޯޑް ފަދަ މައުލޫމާތު ނުޖެހުން
- އީމެއިލް އަދި ރަސްމީ އެކައުންޓްތަކުގައި މަލްޓި-ފެކްޓާ އޮތެންޓިކޭޝަން (MFA) ބޭނުން ކުރުން
- ކޮމްޕިއުޓަރުގެ އޮޕަރޭޓިން ސިސްޓަމް އަދި ބޭނުންކުރާ އެޕްލިކޭޝަންތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުން
- ޝައްކުކުރެވޭ އީމެއިލެއް ލިބިއްޖެނަމަ، ލަސްނުކޮށް އެ އޮފީހެއްގެ އައިޓީ ނުވަތަ ސެކިއުރިޓީ ޓީމަށް ރިޕޯޓު ކުރުން
- ޝައްކު ކުރެވޭ ފައިލެއް ނުވަތަ ލިންކެއް ހުޅުވިއްޖެނަމަ، އަމިއްލައަށް އެކަން ހައްލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި، ވަގުތުން ކޮމްޕިއުޓަރު ނެޓްވޯކުން ޑިސްކަނެކްޓްކޮށް އައިޓީ ޓީމުގެ އެހީތެރިކަން ހޯދުން
ފުލުހުން ބުނީ މިފަދަ ހަމަލާތަކުން ދިފާއުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ އާންމުންގެ ސަމާލުކަމާއި ހޭލުންތެރިކަން ކަމަށެވެ. ރައްކާތެރިކަމުގެ މިފަދަ ފިޔަވަޅުތަކަށް ސަމާލުވުމަކީ ސައިބާ ހަމަލާތަކުން ދިފާއުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް