ގއ. މާމެންދޫގައި މިމަހުގެ އަށްވަނަ ދުވަހުގެރޭ ހިންގި މާރާމާރީގައި ހައްޔަރު ކުރި ތިން މީހެއްގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ މާމެންދޫގައި ހިންގި މާރާމާރީގައި މިހާތަނަށް ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި މީގެ ތެރެއިން ތިން މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން ޖަހާފައިވާ ކަމަށެވެ.

އެގޮތުން މި މާރާމާރީ ހިންގި ރޭ ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވާއިރު އަނެއް މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މާރާމާރީގައި 17 އަހަރުގެ ކުއްޖަކު މަރުވެފައި ވާއިރު އޭނާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފަ އެވެ. އެ ކުއްޖާގެ ހަށިގަނޑު އޮތީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީގަ އެވެ.

އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމާފައިވާއިރު ޕޯސްޓް މޯޓަމް ހެދުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.