ރާއްޖެއިން ކޮވިޑް 19ގެ އާ ވޭރިއަންޓެއް ފެނި، ކޮވިޑުގެ ތިންވަނަ ރާޅެއް އައުމާއެކު މާލެ ސަރަހައްދުގެ ހުރިހާ ކުޅިވަރު މުބާރާތްތައް ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގައިފައެވެ. އެ އެންގުމާއެކު ރާއްޖޭގެ ފުޓުބޯޅަވެސް އަނެއްކާ ހުއްޓުމަކަށް އައީއެވެ. ދިވެހި ޕްރިމިއާ ލީގު އެކަންޏެއް ނޫނެވެ، ތިންވަނަ އަދި ދެވަނަ ޑިވިޝަންވެސް މުއްދަތެއް ނެތް ގޮތަށް ފަސްވެގެން ދިޔައީއެވެ. މިދިޔަ ސީޒަންވެސް މެދުތެރެއިން ހުއްޓާލައި، ކެންސަލް ކުރަން ޖެހިފައި އޮތް އޮތުމުން ކްލަބުތަކަށް ހަމަ ނޭވައެއް ނުލެވިގެން އުޅެނިކޮށް، އަނެއްކާ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުނީއެވެ.
އެކަމުގެ ކަންބޮޑުވުންތައް އިންތިހާއެވެ. ފުރަތަމަ ޑިވިޝަންގެ ހުރިހާ ކްލަބަކުން ވަނީ ބަޔާންވެސް ނެރެފައެވެ. ސީޒަން ހުއްޓާނުލުމަށް އެދިއެވެ. ޓީމުތަކުގެ ފަރިތަކުރުންތައް ހުއްޓާލަން ނުޖެހޭނެ ފަދަ ގޮތެއް ހޯދައިދިނުމަށެވެ. ކްލަބުތަކުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ އެޗްޕީއޭއާއި އެފްއޭއެމްގެ އިތުރުން ޔޫތު މިނިސްޓްރީއާއެކުވެސް މަޝްވަރާ ކުރެވިގެން ބޮޑެތި އުސޫލުތަކެއް ހެދި، އެކަމަށް ކްލަބުތަކުން ފުރިހަމައަށް އަމަލުކޮށްގެން ތިއްބައި، ކުއްލިއަކަށް ސީޒަން ހުއްޓާލަން އެންގި އެންގުން ބަލައިގަންނަން ދަތި ކަމަށެވެ.
ކަންބޮޑުވުންތަކާއެކު ކްލަބުތަކުން މިއަދު މީޑިއާއާ ބައްދަލުކުރިއެވެ. ފުރަތަމަ ޑިވިޝަންގެ އަށް ކްލަބުގެ މެނޭޖުމަންޓުން މިއަދުގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެފައިވާ އިރު، ހިއްސާކުރީ އެއް ކަންބޮޑުވުންތަކެކެވެ. އެދުނީ އެއް ކަމަކަށެވެ. އާދޭހަކީ އެއް އަޑަކުން އިއްވައިދިން އާދޭހެކެވެ. "ކްލަބުތަކަކީ ހަމައެކަނި ކުޅޭ ކުޅުންތެރިންނާ ގުޅިފައިވާ ކްލަބުތަކެއް އެކަންޏެއް ނޫން. އެއީ އެތައް އާއިލާއަކަށް ފައިސާ ހޯދާ ވަސީލަތެއް. ފުޓުބޯޅައަކީ ހަމައެކަނި މުނިފޫހިފިލުވާލާ އެއްޗެއް ނޫން. އެއީ އެތައް ބައެއްގެ ދިރިއުޅުން. ކްލަބުތަކުގެ މިސްރާބު ހުރީ ބަންގުރޫޓްވުމާ ދިމާލަށް. ކޮންމެ ގޮތެއް ހަދާފައިވެސް ސީޒަން އަލުން ފައްޓަވައިދެއްވާ،" މި އާދޭހެވެ.
"ޓީމުތަކަށް ލީގު ފެށޭނެކަމުގެ އެއްވެސް އިޝާރާތެއް އަދި ލިބިފައެއް ނެތް. މިހެން އިޝާރާތެއް ނެތި ދިގުލައިގެން ދިއުމަކީ ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް. އެކަންކަން ސާފުވުން ވަރަށް މުހިއްމު،" މާޒިޔާގެ ސީއީއޯ އަދި އެފްއޭއެމްގެ ނައިބު ރައީސް ހުސައިން ޝާފިއު (ކޮކީ) ވިދާޅުވިއެވެ.
މާޒިޔާގެ ފަރާތުން ޕްރެސްގައި ބައިވެރިވި މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބު (ވައްކޭ) ވިދާޅުވީ ސަރުކާރުން އަންގާ ކޮންމެ އެނގުމަށް ބޯލަނބައިގެން ސީޒަން ފަށަން ހުރިހާ ކްލަބަކުންވެސް ތައްޔާރު ކަމަށާއި ސީޒަނެއް ހުއްޓާލުމުން އެ ލިބޭ މާލީ ގެއްލުންތައް އަންދާޒާ ކޮށްލަންވެސް ދަތި ކަމަށެވެ.
"ސީޒަން ކުރިއަށް ގެންދެވެން އޮތް ކޮންމެ ގޮތަކަށް ސީޒަން ކުރިއަށް ގެންދަން ކްލަބުތަކުން ތައްޔާރު. ހުރިހާ ކަމެއް، ސަރުކާރުން އަންގާ ހުރިހާ ކަމަކަށް އެއްބާރުލުން ދީގެން މިކަން ކުރަން ތައްޔާރަށް ހުރިހާ ކްލަބަކުންވެސް މިިތިބީ. އެއީ މިހެން ސީޒަން ހުއްޓާލުމުން ލިބޭ މާލީ ގެއްލުންވެސް ހީނުކުރާ ވަރަށް ބޮޑު ކްލަބުތަކަށް. ހަގީގާތުގައި ކްލަބުތަށް ބަނގުރޫޓްވުމާ ދިމާލަށް ދާނީ މިހެން ހުއްޓާލަން ޖެހިއްޖެނަމަ،" ވައްކޭ ވިދާޅުވިއެވެ.
ރާއްޖޭގެ ލީގަކީ ސެމީ ޕްރޯ ލީގެކެވެ. އެހެން ނަމަވެސް އެ ވިސްނުމާއި، އެ ފިލޯސަފީ ވަރަށް ބޮޑަށް ބަދަލުވަމުން ގޮސް، މިއަދު ފުޓުބޯޅައިގެ އާމްދަނީއަކީ އެތައް ބައެއްގެ ދިރިއުޅުމެވެ. އެތައް އާއިލާއެއްގެ ގޭގެ ފެން ބިލާއި ކަރަންޓް ބިލް ދައްކަމުންދަނީ ފުޓުބޯޅައިގެ ތެރެއިން ލިބޭ ފައިސާއިންނެވެ. އެއީ ކުޅުންތެރިންގެ ދިރިއުޅުމެވެ. އެންމެ މަހަކު ކްލަބަކުން މުސާރަ ނުދިންނަމަވެސް، އެތައް އާއިލާއަކަށް އެ ދަތިތައް ފޯރައެވެ. ކްލަބާއެކު ވެވޭ ކޮންޓްރެކްޓާއެކު މުސާރަ ދޭން މަޖުބޫރުވެ، ސީޒަނެއްގައި ނުކުޅެ ހުއްޓަސް ކްލަބުތަކުން ދޭން ޖެހޭ މުސާރަ ދޭން މަޖުބޫރުވެއެވެ.
"ގާތްގަނޑަކަށް 500 އަށްވުރެ ގިނަ މީހުން މި ފުޓުބޯޅަ އާއިލާގައި މުސާރަ ދީގެން އެބައުޅޭ. މިހާރު މިއޮތީ ޒަމާނާ އެއްގޮތަށް ވަރަށް ބޮޑަށް ފުޓުބޯޅަ ބަދަލުވެފައި. ކުރިން ވިސްނިފައި އޮންނާނީ ވަޒީފާއަށް ދާ މީހުންނޭ މި އުޅެނީ ކުޅެން. ނޫން... މިހާރު މިއޮތީ އޭތި ވަރަށް ބޮޑަށް ބަދަލުވެފައި. ގާތްގަނޑަކަށް 60 ނޫނީ 70 ޕަސެންޓް މީހުން މި ބަރޯސާވަނީ ހަމައެކަނި ފުޓުބޯޅައިން ލިބޭ އާމްދަނީއަށް. އާއިލާއާ ހުރިހާ ރެސްޕޮންސިބިލިޓީއަކީ މި ފުޓުބޯޅައަށް ޑިޕެންޑްވާ ކަމެއް. ސަގާފަތް ބަދަލުވެއްޖެ. މިއީ އިންޑަސްޓްރީއެއް. ފައިސާގެ ކަންކަމާ ހުރިހާ ކަމެއް އޮޑިޓް ކުރެވި، ވަރަށް ތަފާތުކޮށް ބިނާވެފައިވާ ކަންކަން މިހާރު މި އޮންނަނީ. އެވަރަށް ހޭލުންތެރިނުވީމަ ނޭނގި އޮންނަނީ. މުސާރައާ ކަންކަން ހިނގާނެ ގޮތް ޓީމަށް އެކަންޏެއް ނޫން އެނގެން ޖެހެނީ. އެންމެނަށް، އަންނަން އޮތް ޖީލުތަކަށް އެނގެން އެބަޖެހޭ. މިއީ ފައިސާ ހޯދައި، ހޯދައިގެން ކުރިއަށް ދެވޭނެ ކަމެއް،" ޓީސީގެ މެނޭޖަރު މުހައްމަދު އީސަ (މޯ) ވިދާޅުވިއެވެ.
ފުޓުބޯޅައިގެ އިންޑަސްޓްރީއަކީ އަހަރަކަށް 30-40 މިލިއަން ރުފިޔާ ހަރަދުކުރާ އިންޑަސްޓްރީއެއް ކަމަށް ކްލަބުތަކުން ފާހަގަކޮށްފައިވާ އިރު، ކްލަބުތަކުން އިތުރަށް ބުނެފައި ވަނީ ފުޓުބޯޅައިގެ އާއިލާއާ މަޝްވަރާ ނުކޮށް، ބޮޑެތި ނިންމުންތައް ނިންމުމަކީ ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމެއް ކަމަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވަނީ ލީގު މެދުކަނޑާލަން އެންގި އެންގުމަކީ އެފްއޭއެމްއާއި ޔޫތު މިނިސްޓްރީއަށްވެސް އެނގުމެއް ނެތި، މަޝްވަރާއެއް ނެތި ނިންމި ނިންމުމެއް ކަމަށާއި، އެވަގުތުން ފެށިގެން ސަރުކާރާއެކު ފުޓުބޯޅަ އަލުން ފެށޭނެ ގޮތެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ވަރަށް ގިނަ މީހުން ބުނޭ މުނިފޫހިފިލުވަން ކުރާ ކަމެކޭ ފުޓުބޯޅަ މިއީ. ރަނގަޅު އެހެންވެސް ވެދާނެ. އެކަމަކު އަޅުގަނޑަކަށް ނޭނގޭ ރާއްޖޭގެ އިތުރު އިންޑަސްޓްރީއެއް 40 މިލިއަން 50 މިލިއަން ހަރަދުކުރާ. އެއީ އެތައް އާއިލާއެއް ގުޅިފައިވާ ފައިސާ. އަޅުގަނޑަށް ފެންނަ ގޮތުގައި މިއީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް އިންޑަސްޓްރީ. މާޗު މަހު ޓްރާންސްފާ ވިންޑޯ މި އަންނަނީ. މިހާރު ބޭރު ކުޅުންތެރިން ގެންނަން ވާހަކަ ދައްކާ ސޮއިކޮށްފިއްޔާ، ސޮއިކުރާ ދުވަހުން ފެށިގެން އެބަޖެހޭ އެމީހުންނަށް ފައިސާ ދޭން. ވަރަށް ބޮޑަށް ގެއްލުންވާނެ ހުއްޓާލައިފިއްޔާ،" ގްރީން ސްޓްރީޓްސްގެ ފަރާތުން ބައިވެރިވި ކްލަބުގެ ރައީސް މުއާވިޔަތު ޚަލީލް ފާހަގަކުރައްވާފައިވެއެވެ.
ކްލަބުތަކުން ސީޒަން ފެށީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށެވެ. އެކަމަށް ފުރިހަމައަށް އަމަލުކުރި ކަމަށް ކްލަބުތަކުން ވަނީ ޔަގީންކަން ދީފައެވެ. ކޭސްއެއް ނުފެނި އެތައް ބަޔަކު މެޗުތައް ކުޅެމުންދިއުމަކީ އޭގެ ހެއްކެއް ކަމަށްވެސް ކްލަބުތަކުން ފާހަގަކުރިއެވެ. އެ ގައިޑްލައިންގައި ކޮވިޑް 19ގެ ކޭސްއެއް ކްލަބަކުން ޕޮސިޓިވް ވެގެން، އެ ހާލަތުގައިވެސް އަމަލުކުރާނެ ގޮތް ލިޔެފައި އޮތްއިރު، ކްލަބުތަކުގެ މާލިއްޔާތާ ގުޅިފައިވާ ބޮޑު ނިންމުމެއް އެހާ އަވަހަށް ނިންމީ ކިހިނެއްވެގެންތޯ ކްލަބުތަކުން ވަނީ ސުވާލު އުފައްދައިފައެވެ.
"އެފްއޭއެމްއިން ޓީމުތައް މޮނީޓަރު ކޮށްފައި ވަނީ. އެފްއޭއެމްއިން ބަލާފައި ވަނީ ކަންކަން ދިޔައީ ރަނގަޅަށްތޯ. ހުރިހާ ޓީމެއްގެ ފަރާތުން ޑާޓާތައްވެސް ހުށަހަޅާފައިވޭ،" ގްރީންގެ ރައީސް މުއާވިޔަތު ފާހަގަކުރެއްވިއެވެ.
ޓީސީގެ މެނޭޖަރު މޯ އިތުރަށް ވިދާޅުވީ ގައިޑްލައިނަށް އަނެއްކާވެސް އިތުރު ކުރަންޖެހޭ ކަމެއް އޮތިއްޔާ އެކަމެއްވެސް އިތުރުކޮށް، ސީޒަން ފެށުމަށް ކްލަބުތަކުން ބޭނުންވާ ކަމަށާއި، ފިޓްނަސް ލެވެލް ދަށްވެ، އަނެއްކާވެސް ފުޓުބޯޅަ ޕްރި ސީޒަންގެ ކުރިން އޮތް ހިސާބުން ފަށަން ޖެހުމަކީ އަރައިނުގަނެވޭނެ ކަމެއް ކަމަށެވެ. އެ ކަންބޮޑުވުންތަކަށް ހުރިހާ ކްލަބަކުންވެސް ވަނީ ތާއީދު ކޮށްފައެވެ. މޯ ފާހަގަކުރައްވާފައި ވަނީ ކްލަބުތަކުން ގައިޑްލައިނަށް ތަބާވި މިންވަރު ޑޭޓާތަކުން އެނގޭނެ ކަމަށާއި، ހުރިހާ ކުޅުންތެރިން ފަރިތަކުރުންތަކަށް ދިޔައިރު، ހުން ހުރިވަރުވެސް ހުރިހާ ކްލަބަކުން ރެކޯޑު ކޮށް ފައިލްކޮށްފައި އެބަހުރި ކަމަށެވެ.
"ގައުމީ ޓީމަށް ވާނެ ގެއްލުންވާނެވެސް އެއީ ބޮޑު ގެއްލުމެއް. ގަބޫލުކޮށްގެން ނުވާނެ ލީގު މެދުކަނޑާލާފައި ގައުމީ ޓީމަށް ގޮސް ކުޅުންތެރިންނަށް ކުޅެވޭނެ ކަމަކަށް. ގައުމީ ކޯޗުވެސް އެކަން ވަނީ ފާހަގަކޮށްފައި. އުންމީދުކޮށްގެން ނުވާނެ މާޗު މަހު އޮންނަ ކޮލިފިކޭޝަންގައި ރާއްޖޭގެ ގައުމީ ޓީމުން ނަތީޖާ ނެރޭނެ ކަމަކަށް. އެއީ ވާނެ ކަމެއް ނޫން،" އެފްއޭއެމްގެ ނައިބު ރައީސް، އަދި މާޒިޔާގެ ސީއީއޯ ކޮކީ ފާހަގަކުރައްވާފައިވެއެވެ.
ގައުމީ ޓީމުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މާޗު މަހު 25 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ނުކުންނަން އޮތް އިރު، ކުޅުންތެރިން ފިޓްކޮށް ތިބުމަށް ކޮންމެހެންވެސް ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) މިއަދުގެ ޕްރެސްގައި ވިދާޅުވެފައިވެއެވެ.
"ހުއްޓާލީމަ ހަމައެކަނި ގެއްލުން ވަނީ ފުރަތަމަ ޑިވިޝަނަށް އެކަންޏެއް ނޫން. ދެވަނަ އާއި ތިންވަނަ ޑިވިޝަނަށްވެސް މިއީ ބޮޑު ގެއްލުމެއް. ކްލަބު ލައިސަންސިން ހައްދަމުން ގޮސް، ތިންވަނައާއި ދެވަނަ ޑިވިޝަންގެ ކްލަބުތަކަށްވެސް މާލީ ދަތިކަން ކުރިމަތިވާނެ. އެއީ ޓްރާންސްފާގެ ކަންކަންވެސް ކޮށް ކޮންޓްރެކްޓްތައް ހަދާފައިވާތީ. މިހާރުވެސް ފަރިތަކުރުން ކުރިއަށް ގެންދެވޭނެ ގޮތެއް ބަލަން ބޭނުންވޭ. މާޗު މަހު އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗަށްވެސް ކުޅުންތެރިން ފިޓްވާން ޖެހޭ. ވެކްސިން ޖަހައިގެންވެސް ކުޅެން ތައްޔާރަށް ޓީމުތައް މިތިބީ. ހަފްތާއަކު ސެޝަނެއް ބާއްވައިގެން އަވެއާވެސް ކުރެވިދާނެ. އެކަންވެސް ކުރަން ތައްޔާރަށް މިތިބީ،" މުފާ ފާހަގަކުރެއްވިއެވެ.
ޕްރެސް ނިންމާލަމުން މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ ވައްކޭ، ކްލަބުތަކުގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ތައްޔާރަށް ތިއްބެވިކަމަށް ފާހަގަކުރައްވައި ރައީސްގެ އެޕޮއިންޓްމަންޓަކަށް އެދިވަޑައިގެންފައިވެއެވެ. އަދި ފުޓުބޯޅަ އަލުން އަނބުރާ ފެށުމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރައްވަމުން ގެންދަވާ މަސައްކަތަކަށް ކްލަބުތަކުން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.
ކޮވިޑް 19ގެ މި ދަތި އުނދަގޫ ހާލަތުގައި ފުޓުބޯޅަ މެދުކަނޑާނުލައި ކުރިއަށްގެންދަން ބޮޑެތި އެތައް ގައުމަކުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ހުރިހާ ގައުމެއް ކަހަލަ ގޮތަކަށް ފުޓުބޯޅަ ހުއްޓާނުލައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެއީ މާލީ އަދި އެހެނިހެން އެތަކެއް ނަޒަރަކުން ބަލައިފައެވެ. ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރަކަށްވުރެ މާ ބޮޑު ވިއުގައަކަށްވާތީއެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ