ރާއްޖޭން މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުގައި މިއަދު ޕާކިސްތާން ކައިރިން 3-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވުމާއެކު ގްރޫޕްގައި ދެން އޮތީ އުނދަގޫ ހާލަތަކެވެ. ގްރޫޕް ބީގައި ރާއްޖެއާއި އިންޑިއާ އަދި ޕާކިސްތާން ހިމެނޭ އިރު، އިންޑިއާއިން އޮތީ ފުރަތަމަ މެޗުން މޮޅުވެފައެވެ. ރާއްޖެއަށް ދެން ސެމީ ފައިނަލަށް ދެވެން އޮންނާނީ އިންޑިއާ ކޮޅަށް އެއް ގޯލަށްވަުރެ ގިނަ ގޯލްތަކެއް ޖަހައިގެންނެވެ. އެއީ ފައިދާ ގޯލްގެ ތަފާތު ބޮޑުވުމުންނެވެ.

މިއަދުގެ މެޗުން މޮޅުވެ، ޕާކިސްތާން ވަނީ ސެމީ ފައިނަލް ޔަގީން ކޮށްފައެވެ.

މިއަދުގެ މެޗަށް ނުކުތްއިރުވެސް މުބާރާތުގައި ޕާކިސްތާނުން ވަނީ މެޗެއް ކުޅެފައެވެ. އެއީ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗު ޕާކިސްތާނަށް ނާކާމިޔާބުވީ 2-3 ގެ ނަތީޖާއަކުންނެވެ. މިމެޗުގެ ކުރިން ޕާކިސްތާނާއި ރާއްޖޭން ޖުމުލަ އަށް މެޗެއްގައި ކުރިމަތިލާފައިވެއެވެ. އޭގެ ތެރެއިން ރާއްޖޭން ހަތަރު މޮޅެއް ހޯދާފައި އޮތް އިރު، ދެ މެޗެއް އެއްވަރުވިއެވެ. ޕާކިސްތާނުން ރާއްޖެ ބަލިކުރީ 2006 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ދާދިފަހުން މާލޭގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގައެވެ. އެންމެފަހުން މެޗުގައި ޕާކިސްތާނުން ރާއްޖެ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެއީ މިއަހަރު ޖޫން މަހުއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނުން މީގެ ކުރިން ރާއްޖެއާ ދެކޮޅަށް ހަތަރު މެޗެއްގައި ނުކުތް އިރު، އޭގެ ތެރެއިން ރާއްޖެ މޮޅުވެފައި އޮތީ ހަމައެކަނި އަމިއްލަ ގައުމުގައި ކުޅުނު މެޗުންނެވެ. އެއީ 2008 ވަނަ އަހަރު 3-0 ގެ ނަތީޖާއަކުންނެވެ. އެންމެފަހުން ދެގައުމުން ސާފްގައި ކުޅުނު މެޗު އެއްވަރުވީ ގޯލެއް ނުޖެހިއެވެ. އެއީ 0-0 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުން މޮޅު ރާއްޖެއަށް ސެމީ ޔަގީން ކުރެވެން އޮތް އިރު، ޕާކިސްތާނަށް އޮތީ މޮޅުވުމެވެ.

މެޗުގެ އެންމެ ފުރަތަމަ މިނެޓުގައި ރާއްޖެއަށް ރަނގަޅު ފުރުސަތެއް ލިބިފައިވާ އިރު، މުޒަދާން ހަސަން ނަގައިދިން ބޯޅަ ލިބުނީ، އަހުމަދު މައިޝް ރަޝީދަށެވެ. އޭނާއަށް ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ. ރާއްޖޭން ރަނގަޅު ޓެމްޕޯއެއްގައި މެޗު ފެށި ނަމަވެސް، ޕާކިސްތާނަށް ލީޑު ނަގަން ފުރުސަތު ލިބުނީ ދެވަނަ މިނެޓުގައި ލިބުނު ޕެނަލްޓީންނެވެ.

ރާއްޖޭގެ ވިންގް ބެކަށް ކުޅެމުންދިޔަ މުހައްމަދު ނާއިމް އޭރިއާ ތެރެއިން މިކެއަލް އަރޫން އަބްދުﷲ އަށް ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީވެސް އޭނާއެވެ. ހަތަރު ވަނަ މިނެޓުގައި ލީޑު ނެގި ޕާކިސްތާނުން ނުވަ ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ލީޑު ފުޅާވެސް ކުރިއެވެ. އަރިމަތިން ޖުނައިދު އަހުމަދު ޝާހް ނަގައިދިން ބޯޅައިގައި އޭރިއާ ތެރެއިން ޖައްސާލައިގެން އެ ގޯލް ޖަހައިދިނީ ނަޖީބުﷲއެވެ.

އެހިސާބުން ރާއްޖޭގެ ކުޅުންތެރިން ފަރާތުން މާޔޫސްކަން ފެނި، ޕާކިސްތާނުން ހާފް ޑޮމިނޭޓް ކުރަމުން ދިޔައެވެ. އެހެން ނަމަވެސް 20 ވަނަ މިނެޓުގައި ރާއްޖޭން ރަނގަޅު ފުރުސަތެއް ހޯދިއެވެ. މެދުތެރެއިން އިބްރާހީމް އައިސަމްއާއި އިބްރާހީމް ވަހީދު ހަސަން (އިއްބެ)ގެ ޕާސްތަކުން ތަނަވަސްކުރި ފުރުސަތުގައި އައިސަމް ފޮނުވާލި ބޯޅަ އަމާޒުވީ ޕާކިސްތާން ކުޅުންތެރިޔާ މޫނު މައްޗަށެވެ. ދެވަނަ ފަހަރަށް ރިބައުންސްގައި ހުސްކޮށް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)އަށް ލިބުނު ބޯޅަ އޭނާއަށް ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ.

އޭގެ ހަތަރު މިނެޓު ޕާކިސްތާނުން ލީޑު އިތުރަށް ފުޅާކުރިއެވެ. މަތިން ދިޔަ ބޯޅައެއްގައި ރާއްޖޭގެ ޑިފެންޑަރު އަމްދާން އަަލީ ކައިރިން ހޯދި ބޯޅަ ހިފައިގެން ގޮސް އޭރިއާ ތެރެއިން ގޯލްގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އެ ގޯލް ޖަހައިދިނީވެސް ނަޖީބުﷲއެވެ.

އޭގެފަހުންވެސް ޕާކިސްތާނުގެ އަލީ އުޒައިރުގެ ބާރު ހަމަލާއެއް ގޯލަށް އަމާޒު ނުވެ ހުރަސް ދަނޑިމަތިން ދިޔަ އިރު، ޕާކިސްތާނުން ހާފު ނިންމާލީ ފުރިހަމަ ކޮންޓްރޯލްގައެވެ.

ދެވަނަ ހާފަށް ރާއްޖޭން ނުކުތީ ތިން ބަދަލަކާއެކުގައެވެ. ފަހަތަށް ކުޅެމުންދިޔަ ހަސަން އީނާޒްގެ ބަދަލުގައި ހުސައިން ޝިފާއު ޔޫސުފް (ކްރޯ) ކުޅެން ނެރުނު އިރު، އިއްބެ ވަހީދުގެ ބަދަލުގައި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ކުޅެން ނެރެފައިވެއެވެ. އަދި މުޒްދާންގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) ވަނީ ކުޅެން ނެރެފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ރާއްޖޭން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ކުރި ނަމަވެސް، އެޓޭކްތައް ފެނުނީ މަދުކޮށެވެ. ކުރީކޮޅުގައި ސެންޓޭއަށް ލިބުނު ބޯޅައިގައި އަރިމަތިން ފޮނުވާލި ހަމަލާ ބޭރުން ދާގަނޑަށް އަމާޒުވި އިރު، 66 ވަނަ މިނެޓުގައި ސެންޓޭގެ ބޯޅައިން ދުއްވާލި ބޯޅައިގައި ނާއިމް ފޮނުވާލި ހަމަލާ މަތަކުރީ ޕާކިސްތާން ކީޕަރު އީޖާޒް ބަޓެވެ. އަދި އޭގެ އިރުކޮޅެއްފަހުން ފޭދޫ އިއްބެ ފޮނުވާލި ހަމަލާ ގޯލް ތެރެއަށް ވައްދާލި ނަމަވެސް ލައިންސްމަން އޮތީ އޮފްސައިޑަށް ދިދަ ނަގައިފައެވެ.

އޭގެ ފަހުން ޕާކިސްތާނުން ބަދަލަކަށް އެރި ޝަޔަކް ދޯސްޓް ރަނގަޅަށް އެނބުރިލާފައި ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

އޭގެފަހުން ބަދަލަކަށް ނުކުތް ރާއްޖޭގެ ނައްސާހް އިބްރާހީމް ނާސިރަށް ފަހުވަގުތު ގޯލެއް ޖަހަން އިތުރު ފުރުސަތެއް ލިބުނު ނަމަވެސް، އެ ފުރުސަތުވެސްވީ ބޭކާރެވެ. އަދި އަހްޒަމް ރަޝީދު ދުރުން ފޮނުވާލި ހަމަލާވެސް ދިޔައީ ބޭރަށެވެ.

ރާއްޖޭން ގްރޫޕް ސްޓޭޖުގައި އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.