ރާއްޖޭން މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުގައި މިއަދު ޕާކިސްތާން ކައިރިން 3-0 ގެ ނަތީޖާއަކުން ބަލިވި އިރު، ސާފަކީ އަހަރުގެ އެންމެ މުބާރާތް ނަމަވެސް، ކަންކަން އެންމެ ފުރިހަމައަށް ހަމަޖެހިގެން ޓީމަށް ބަންގްލަދޭޝްއަށް އަންނަން ފުރުސަތު ފަހި ނުވާ ކަމަށް ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.
ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވުމާއެކު ގްރޫޕްގައި ދެން އޮތީ އުނދަގޫ ހާލަތަކެވެ. ގްރޫޕް ބީގައި ރާއްޖެއާއި އިންޑިއާ އަދި ޕާކިސްތާން ހިމެނޭ އިރު، އިންޑިއާއިން އޮތީ ފުރަތަމަ މެޗުން މޮޅުވެފައެވެ. ރާއްޖެއަށް ދެން ސެމީ ފައިނަލަށް ދެވެން އޮންނާނީ އިންޑިއާ ކޮޅަށް އެއް ގޯލަށްވަުރެ ގިނަ ގޯލްތަކެއް ޖަހައިގެންނެވެ. އެއީ ފައިދާ ގޯލްގެ ތަފާތު ބޮޑުވުމުންނެވެ.
މިއަދުގެ މެޗުން މޮޅުވެ، ޕާކިސްތާން ވަނީ ސެމީ ފައިނަލް ޔަގީން ކޮށްފައެވެ.
"މި މެޗަކީ ވަރަށް ޗެލެންޖިން މެޗެއް. ހުރިހާ މެޗެއްވެސް ޗެލެންޖް ވާން ޖެހޭނެ. ޕާކިސްތާނުން އިންޑިއާ މެޗުގައި ދެ ގޯލް ޖެހި ހިސާބުން އެ ޓީމުގެ މެންޓާލިޓީ އެއޮތީ ބަދަލުވެފައި. ދެން އަހަރެމެންނަށް ހާލަތު ބަދަލުވެގެން ދިޔައީ ޕެނަލްޓީއެއް ލިބުމާއި ޖޯކެއް ކަހަލަ ގޯލެއް ކޮޅަށް ވަނުމުން. އަހަރެން ފައުލެއް ކަމަށް ބެލި އެއްޗެއްގައި ގޯލް ޖެހި. އެންޑީއަށް ފައުލްކޮށްފައި ދިޔައީ. އެހެންވެ އަހަރެން މި ބުނަނީ ސާފަށް ވީއޭއާރް ބޭނުންވާ ކަމަށް. ވީއޭއާރް ބެލި ނަމަ އެއީ ވަގުތުތަކެއް ހޭދަވާނެ ނިންމުމެއް. ދެން އަހަރެމެންނަށް އަނިޔާގެ މައްސަލަތައް ހުރި، އެ ހުރިހާ ކަމެއްގެ ތެރެއިންވެސް މި މެޗުގެ ދެވަނަ ހާފުގައި ތަފާތުތަކެއް ދެއްކުނު،" އުރުބާނީ ބުންޏެވެ.
އަދިވެސް ފުރުސަތު އެބައޮތް ކަމަށް އުރުބާނީ ޕްރެސްގައި ފާހަގަކުރިއެވެ. މިމެޗުގެ ކުރިން ޕާކިސްތާނާއި ރާއްޖޭން ޖުމުލަ އަށް މެޗެއްގައި ކުރިމަތިލާފައިވެއެވެ. އޭގެ ތެރެއިން ރާއްޖޭން ހަތަރު މޮޅެއް ހޯދާފައި އޮތް އިރު، ދެ މެޗެއް އެއްވަރުވިއެވެ. ޕާކިސްތާނުން ރާއްޖެ ބަލިކުރީ 2006 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ދާދިފަހުން މާލޭގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގައެވެ. އެންމެފަހުން މެޗުގައި ޕާކިސްތާނުން ރާއްޖެ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެއީ މިއަހަރު ޖޫން މަހުއެވެ.
އެ ނަތީޖާއަށް ބަދަލެއް ނުގެނެވުމަކީ ކޯޗެއްގެ ހައިސިއްޔަތުން ގޯހެއް ކަމަށް ގަބޫލުކުރަންތޯ "ވަން ސްޕޯޓްސް"އިން ސުވާލުކުރުމުޖން އުރުބާނީ ބުނީ މުބާރާތާ ރާއްޖެ ކުރިމަތިލީ އެންމެ ރަނގަޅު އެޕްރޯޗްގައި ނޫން ކަމަށެވެ.
"އިންޑޮނޭޝިއާގައި އަހަރެމެންނަށް ލިބުނީ ގެޓް ޓު ގެދާއެއް. އެއީ ޓްރެއިނިން ކޭމްޕެއް ނޫން. އަހަރެމެންނަށް އެގައުމަށް ދެވުނީ 18 ގަޑިއިރުން، އަަހަރެމެންނަށް ދެ ރޭ އެއްކޮށް ގެއްލުނު އަޕް އެންޑް ޑައުން ދަތުރުތަކަށް. އަހަރެމެން އިންޑޮނޭޝިއާއަށް ދިޔައީ ޗައިނާ، ކިރިގިސްތާން ލިބުނާން މެޗަށްފަހު އެކުވެލެން ޖެހޭތީ. އެ މެޗުތަކަށްފަހު އަލުން ކުޅުންތެރިން ކުޅެން ފެށީ ލީގު މެޗުތައް. އަހަރެންގެ ނެތް ފިޓްނަސް ކޯޗެއްވެސް. އަހަންނަށް އެކަމަށް ހުއްދައެއް ނުލިބުނު. އަހަރެމެންގެ މި ޓީމާ ބައެއް ކުޅުންތެރިން ކުޅުނީ އެންމެ ފަހުވަގުތު،" އުރުބާނީ ބުންޏެވެ.
އުރުބާނީ ބުނީ ހައިޝަމް ހަސަން (ބިޑި) ކަހަލަ ކުޅުންތެރިންގެ އަނިޔާއަކީ މާގިނަ މެޗުތައް ކުޅުމުން އޯވާލޯޑް ވެގެން ކުރިމަތިވި އަނިޔާކަމަށާއި، ވަކި ހިސާބަކުން ތައްޔާރީތަކުގައި މުބާރާތަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. ކުރިން ސާފަށް އައިއިރު ތައްޔާރީތައް ހުރި ގޮތް ފާހަގަކޮށް އުރުބާނީ ބުނީ މިފަހަރު އަންނަން ޖެހުނީ ލީގުން ކުޅުންތެރިން ނެގި ގޮތަށް ކަމަށެވެ.
"ޗައިނާއާއި ކިރިގިސްތާން ނޫނީ ލުބުނާނާ ކުޅުނީ ކީއްވެތޯ ސުވާލު އުފައްދަފާނެ މީހުން. އެއީ އަހަރެމެންނަށް ވަރުގަދައޭ ބުނެ. އެކަމަކު މިހާރު އަހަރެމެންނަށްވުރެ އިންޑިއާ ނޫނީ ޕާކިސްތާނުވެސް ވަރުގަދަ ވާނެ. އަހަރެމެން ޓީމު އެބަޖެހޭ ވަރުގަދަވާން. އަހަރެމެން ޓީމަށް ދޭ ސަޕޯޓް ރަނގަޅުކުރަން ޖެހޭ. މިސާލަކަށް ކަންކަން ތާވަލުކުރުމުގައި އެ ދިމާވި ކަންކަން. އަހަރެމެން މިވާހަކަ މި ދައްކަނީ ފާޑުކިޔާކަށް ނޫން، މިއީ ހަގީގަތް. ކަންކަން ހަމަޖެހުނީ އެންމެ ފަހުވަގުތުގައި ކަމަށް މި ބުނަނީ، އިންޑޮނޭޝިއާއަށް އަހަރެމެން ދާންވި ދުވަސް ވެސް ތިން ފަހަރަށް ބަދަލުވި. ބަންގްލަދޭޝްއަށް އަންނަ ދުވަސްވެސް ކުރިއާލާ ނޭނގެ. ތިން ފަހަރު އެއަށްވެސް ބަދަލުގައި. އަހަރުގައި އަންނަ އެންމެ މުހިއްމު މުބާރާތަކީ މިއީ ކަމައް ވަންޏާ މި މުބާރާތަށް ތައްޔާރުވާ ގޮތް ބަދަލުކުރަން ޖެހޭ،" އުރުބާނީ ފާހަގަކުރިއެވެ.
އުރުބާނީ އިތުރަށް ބުނީ ރާއްޖެ މިއޮތީ ތަފާތު ހާލަތެއްގައިކަން ގަބޫލުކުރަން ޖެހޭ ކަމަށާއި، ދެން އޮތީ އަދި މާއުނދަގޫވާނެ މެޗެއް ކަމަށެވެ.
އިސްތަވް އުރުބާނީ
އިސްތަވް އުރުބާނީ
އިސްތަވް އުރުބާނީ
ކޮމެންޓް