މުހައްމަދު ޝަމްއޫން، ޑާކާ - ބަންގްލަދޭޝް

ރާއްޖޭގެ ގައުމީ ޓީމުގެ ފޯކަސް ހުރީ އަނެއްކާވެސް ތަށި އުފުލާލުމަށް ކަމަށާއި، މިދިޔަ ހުރިހާ މެޗަކުން ކަންކަން ރަނގަޅު ކުރަން ލިބުނު ފުރުސަތާއެކު އެކަން އިންޝާ ﷲ ހާސިލުވާނެ ކަމަށް މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ) ބުނެފިއެވެ.

އިއްބެއަކީ ރާއްޖޭން އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ މުހިއްމު ތަރިއެކެވެ. 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލި އިރު، އިއްބެ ވަނީ މޮޅަށް ކުޅެފައެވެ. އޭގެ ކުރިން އޭނާގެ ކެރިއަރުގައި ޓީސީ ސްޕޯޓްސް ކްލަބާއެކު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބު މުބާރާތްވެސް އިއްބެ ކާމިޔާބުކުރިއެވެ.

މިދިޔަ އަހަރުތަކުގެ ތެރޭގައި ލީގު ފުޓުބޯޅައިން ދިމާވި ހާލަތްތަކުގެ ސަބަބުން އިއްބެއަށްވެސް އުނދަގޫ ދުވަސްތަކެއް ދިޔަ ނަމަވެސް، މިދިޔަ ސީޒަނުގައި އޮޑި ސްޕޯޓްސް ކްލަބުގައި މުހިއްމު ރޯލެއް އަދާކޮށް، އޭނާ އަނެއްކާވެސް ހުރީ ރަނގަޅު ފޯމެއްގައެވެ. އެ ފޯމާއެކު ޓީމު ލީޑުކޮށް، ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމާމެދު އިއްބެގެ ޔަގީންވެސް ބޮޑެވެ.

"މިފަހަރު މުބާރާތަށް ގައުމީ ޓީމުގެ ތައްޔާރީތަކަށް ބަލާއިރު، މިހިސާބަށް މިއައީ ވަރަށް ވާދަވެރި މެޗުތަކެއް ކުޅެފައި. ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންވެސް ހިމެނޭ ބެލެންސް ސްކޮޑަކާއެކު މިހާރު މިއޮތީ. ދެން މި ސަރަހައްދުގެ ޓީމުތައް ފެންނަނީ ވަރުގަދަކޮށް، އެގޮތުން ރާއްޖެއާ އަޅާކިޔާއިރު ގިނަ ގައުމުތަކަކުން ހަމަ ކުޅުންތެރިން ނެޗުރަލައިޒް ކޮށްގެން ޓީމަށް ގެނެސްފައި މިތިބީ. މިހާރު ރާއްޖޭގެ ޓީމުން ލީގުގައި މިކުޅޭ މެޗުތަކާ އެ ވާދަވެރިކަމަށް ބަލާއިރު ހީވާގޮތުން މުބާރާތް ވެގެންދާނީ ވަރަށް ރަނގަޅު މުބާރާތަކަށް. ސަޕްރައިޒިން ނަތީޖާތަކެއް ރާއްޖޭ ޓީމުން ފެންނާނެ،" އިއްޔެ ބަންގްލަދޭޝްގެ ޑާކާގައި ހުރެ ވާހަކަ ދައްކަމުން މީޑިއާއަށް ބުންޏެވެ.

ރާއްޖޭން މިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ކުޅުނީ ވަރުގަދަ ޗައިނާ، ކިރިގިސްތާން އަދި ލުބުނާނާ ދެކޮޅަށެވެ. ޗައިނާ ކައިރިން ރާއްޖޭން 3-0 އިން ބަލިވި އިރު، ކިރިގިސްތާން ކައިރިން ބަލިވީ 5-0 އިންނެވެ. އަދި ލުބުނާން ކައިރިން ބަލިވީ 6-0 އިންނެވެ.

އިއްބެ ފާހަގަކުރީ އެ ނަތީޖާތައް ނަމްބަރުން ދަށް ނަމަވެސް، އެއީ މާ ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް ކުޅުނު މެޗުތަކަކަށްވުމުން އެއީ ތައްޔާރީތަކަށް ލިބުނު ރަނގަޅު މެޗުތަކެއް ކަމަށެވެ.

"ތައްޔާރުވާން ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ގޯސްކޮށް ފެނިދާނެ. އެކަމަކު ޓީމު ތެރޭގައި މިއޮތް މާހައުލަށް ބަލާއިރު، އަޅުގަނޑުމެން ތެރޭގައި އެ ބެލީ ވަރަށް ޕޮސިޓިވް ނަތީޖާތަކަކަށް. ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެން ވާދަކުރީ ވަރަށް ހައި ލެވެލްގެ ޓީމުތަކާ. އެހެންވީމަ އެއީ ވަރަށް ރަނގަޅު ތަޖުރިބާއަކަށްވީ. އެ މެޗުތަކުން ކަންތައްތަކެއް ދަސްކޮށް، މުޅި ފޯކަސް އޮތީ ސާފް ޗެމްޕިއަންޝިޕަށް. މި ޓީމުތަކާ ވާދަކޮށް އަލުން އަނބުރާ ރާއްޖެއަށް ތަށި ގެންދަން. އެހެންވީމަ މިތިބި ކުޅުންތެރިން ހިތްވަރު ކޮށްގެން އެކަން ކޮށްދޭނަން އިންޝާ ﷲ،" އިއްބެ ބުންޏެވެ.

https://www.facebook.com/reel/1905239954190690

އިއްބެއަށް ބަންގްލަދޭޝްގެ ކާމިޔާބީތައް ހާއްސަވި އިރު، އޭނާ ބުނީ އެ ކަން ބަލަނީ ވަރަށް ޕޮސިޓިވް ކަންކަމުގެ ގޮތުގައި ކަމަށެވެ.

"ބަންގްލަދޭޝް ފާހަގަކުރެވެނީ ވަރަށް ކާމިޔާބުތަނެއްގެ ގޮތުގައި. ކެރިއަރުގައި އިންޓަނޭޝަނަލް ދެ ޓްރޮފީއެއް މިގައުމުގައި ލިބިއްޖެ. އެއީ ޓީސީއާ އެއްކޮށްވެސް އަދި ގައުމީ ޓީމާ އެއްކޮށްވެސް. ދެން އެއްވެސް އިރެއްގައި މައިންޑްގައި އެއްވެސް ޕްރެޝަރެއް ނުބައިންދަން. ދެން ހާއްސަކޮށް ބަންގްލަދޭޝް ބެލެވެނީ ވަރަށް ކާމިޔާބު ތަނެއްގެ ގޮތުގައި، މިތަނަށް އައި އިރުވެސް ވިސްނުނީ މިއީ އަނެއްކާވެސް ސާފްގެ ތަށި ބަންގްލަދޭޝްގައި އުފުލާލަން ލިބޭނެ ފުރުސަތެކޭ،" އިއްބެ ފާހަގަކުރިއެވެ.

ރާއްޖޭން ޕާކިސްތާނާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ މެޗު މިއަދު އޮންނާނީ ރާއްޖެ ގަޑިން މެންދުރުފަހު 2:30 ގައެވެ.