ގއ. މާމެންދޫގައި ރޭ ހިންގި މާރާމާރީގައި އަނިޔާވި ދެވަނަ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.
ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ސާލިމް އަލީ "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ވިލިނގިލީ ހޮސްޕިޓަލުން ރޭ ދަންވަރުގެ ވަގުތެއްގައި އެ ހޮސްޕިޓަލަށް އުމުރުން 21 އަހަރުގެ ޒުވާނެއް ގެންދިޔަ ކަމަށާއި މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ސާލިމް ވިދާޅުވީ ވިލިނގިލި ހޮސްޕިޓަލުން ގެންދިޔަ އިރު އޭނާގެ ހާލު ސީރިއަސް ނަމަވެސް މިހަރު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށާއި އެ ހޮސްޕިޓަލުގެ އެޗްޑީޔޫގައި އޭނާ އަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. ބުރިކަށިންނާއި މޭގައި ޒަހަމްތަކެއް ހުރި ކަމަށްވެސް ވިދާޅުވި އެވެ.
ވިލިނގިލީ ހޮސްޕިިޓަލް މެނޭޖަރު ޝަރީފް އަހުމަދު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަނިޔާވި މީހާ އިތުރު ފަރުވާއަށް ރޭ ދަންވަރު ތިނަދުއަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި އޭރު އޭނާގެ ހާލަތު ވަރަށް ސީރިއަސް ކަމަށާއި ލޭ މަދުވާތީ ދެ ފަހަރެއްގެ މަތިން ލޭ ވެސް އަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެ މީހާގެ ބުރިކައްޓަށް ވަޅީން ދިން ހަމަލާ އަމާޒުވެފައި ހުރީ ހިތާއި ފުއްޕާމެޔާ ކައިރިއަށް ކަމަށެވެ. ނަމަވެސް ހިތާއި ފުއްޕާމެއަށް އަނިޔާއެއް ލިބިފައިވާ ކަން ޔަގީން ނުވާ ކަމަށެވެ.
މާމެންދޫގައި ރޭ ހިންގި ގުރޫޕް މާރާމާރީގައި 17 އަހަރުގެ ކުޑަ ކުއްޖަކަށް ވަޅީންނާއި ދަގަނޑުބުރިން ހަމަލާދީ ވަނީ މަރާލައިފަ އެވެ. މިހާރު އަބްދުއްސަމަދު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ މަރުވި ކުއްޖާގެ ބޭބެ އަށެވެ.
މަރުވި ކުއްޖާގެ ހަށިގަނޑު ވިލިނގިލި ހޮސްޕިޓަލްގައި އޮތް އިރު އަދިވެސް ހަށިގަނޑު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
މި މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވާއިރު މައްސަލަ ތަހުގީގު ކުރުމަށް މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ވަނީ ގޮސްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު