ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުން ވެގެން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީ ކުންފުންޏަކާ ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ހިންގި ތަހުގީގާބެހޭ އިތުރު މައުލޫމާތު ޕްރޮސިކިއުޓާ ޖެނެރަލްއަށް ނުދީ ސިއްރުކުރާ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވއިފިއެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރި މައްސަލަ އޭސީސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ތަހުގީގުކުރުމަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީނާއެކު އެ މިނިސްޓްރީގެ އިސް 11 ބޭފުޅުންނަށް ދައުވާކުރަން މިދިޔަ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ.

ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކެއް ގަރީނާއެއް ނެތް ކަމަށް ވިދާޅުވެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ ހަމަ އެ މަހު އެ މައްސަލައިގެ ރިޕޯޓު އަނބުރާ ފޮނުވާލައިފައެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން އެ މައްސަލަގައި ދައުވާ ނުކޮށް ރިޕޯޓް އޭސީސީއަށް ފޮނުވައިލި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހަމަ އެމަހު އެންގެވިއެވެ.

މަޖިލިސް ރައީސްގެ އެ އެންގެވުމާ ގުޅިގެން ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ބަލައި މަޖިލީހަށް ހުށަހެޅުމުން، ވެންޓިލޭޓަރު މައްސަލަ ތަހުގީގުކޮށް، އޭސީސީން ނެރުނު ރިޕޯޓުގައި ހިމެނޭ ފަރާތްތަކާ މެދު ދައުވާ ކުރުމުގެ މައްސަލަ އަލުން މުރާޖައާކުރަން ޕީޖީއަށް އަންގައި ދޭއް ނޮވެމްބަރު 2020 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުން އެގޮތަށް ނިންމައި ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް އެންގުމުން އެ މައްސަލައާބެހޭ އިތުރު މައުލޫމާތު ހޯދުމަށް މިދިޔަ ނޮވެމްބަރު 9 ވަނަ ދުވަހު ޕީޖީއިން އޭސީސީ އާއި ފުލުހުންނަށް ސިޓީ ފޮނުވި ކަމަށެވެ.

ނަމަވެސް މިއަދާ ހަމަޔަށް ވެސް ޕީޖީން އެދިފައިވާ ގޮތަށް ފުލުހުންނާއި އޭސީސީން ވެސް ޖަވާބު ދީފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން "އަޅުގަނޑު ޖުޑީޝަރީ ކޮމިޓީގައި މި އެދެނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާއި ފުލުހުންގެ ކޮމިޝަނަރާއި، ދެބޭފުޅުން ކައިރީ އަނެއްކާ ވެސް އައްސަވައިގެން ސާފުކުރައްވަން، އެބޭފުޅުން އެ މައުލޫމާތު ސިއްރު ކުރައްވައި ޕްރޮސިކިއުޓާ ޖެނެރަލަށް އެ މައުލޫމާތު ނުދެއްވައި އެ ތިއްބެވީ ކޮން ސަބަބަކަށްޓަކާ ތޯ ސާފުކުރުން. އެހެންވެ އެ ބޭނުމަށްޓަކައި މި ދެ ސިޓީ އަނބުރާ ޖުޑީޝަރީ ކޮމިޓީއަށް އެބަ ފޮނުވަން،" ކަމަށެވެ.