ގްރޫޕް މާރާމާރީއެއްގައި މީހަކު މަރު ނުވާތާ ދެ އަހަރެއްހާ ދުވަސް ފަހުން އަނެއްކާވެސް ކުޑަކުއްޖަކު މިވަނީ މަރާލައިފައެވެ. ގްރޫޕް މާރާމާރީއެއްގައި ޒުވާނަކު މަރުވި ހަބަރު ވެގެންދިޔައީ މުޅި މާމެންދުއަށް ސިހުން ގެނުވި ކަމަކަށެވެ. ރޭ 23:00 ހާއިރު ހިނގި އެ މާރާމާރީގައި އުމުރުން އެންމެ 17 އަހަރުގެ އަހުމަދު އުދައްޔު މަރުވީ އޭނާގެ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އެ މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށްވެސް ވަނީ ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައެވެ.
މާމެންދޫގައި އޮންނަ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީތައް ފެށިގެން ދިޔައީ މީގެ އަހަރެއްހައި ދުވަސް ކުރީން، އަންހެނަކާ ގުޅޭ މައްސަލައެއްގައެވެ. ރޭވެސް އެ މައްސަލައިގައި ދެ މާރާމާރީއެއް ހިންގިއެވެ. އެންމެ ފަހު މާރާމާރީ ވެގެންދިޔައީ އުދައްޔު މި ދުނިޔެއާ ވަކިވެގެން ދާން ޖެހުނު މާރާމާރީއަށެވެ. އުދައްޔުއަށް ހަމަލާ ދިނީ ތިން ސައިކަލެއްގައި ދިޔަ ހަ މީހުންގެ ގްރޫޕަކުންނެވެ. އެމީހުން ގޮސް ވަޅީންނާއި ދަގަނޑުބުރިން އޭނާއަށް ހަމަލާދިނެވެ.
"މިދިޔަ އަހަރުގެ ފެބްރުއަރީން ފެށިގެން އެރަށުގެ ދެ ގްރޫޕެއްގެ ދެމެދުގައި "ބިޓެއް"ގެ ސަބަބުން ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން އަނެއްކާވެސް މިރޭ މާރާމާރީ މި ހިނގީ. އަސްލު މިވީ ގޮތަކީ މިރޭ 7:00 ޖަހާކަންހާއިރު އުދައްޔުމެން ގޮސް މި ޖެހީ އެ ރަށު އަނެއް ގްރޫޕްގެ މީހެއްގެ ގައިގައި. ދެން އެމީހުން މަސްތުގެ ހާލުގައި ތިއްބާ އުދައްޔު މިފެންނަނީ، އުދައްޔު އުޅޭ ގެކައިރީ އެކަނި ހުއްޓާ. ދެން މިމީހުން ގޮސް މި ހަމަލާދިނީ. ފުރަތަމަ ދަގަނޑުގަނޑަކުން މިޖެހީ އުދައްޔުގެ ބޮލުގައި، ދެން ބުރަކަށީގެ އެކި ތަންތަނަށް ވަޅިން މި ހަމަލާދިނީ. ކުރިމަތިފަރާތަށްވެސް ވަޅިން ހަމަލާދިން،" އިތުބާރު ހުރި މަސްދަރަކުން "ވަން" އަށް މައުލޫމާތު ދެމުން ރޭ ބުންޏެވެ.
އުދައްޔުއަށް ހަމަލާދިނުމުން އޭނާ ސަލާމަތަށް އެދި ރޮއިގަތް އަޑަށް ގޭތެރޭގައި ހުރި އޭނާގެ ބޭބެ ފިރުޝާން ނުކުތުމުން އުދައްޔުއަށް ހަމަލާދިން ގްރޫޕުގެ ޝިކާރައަކަށް ފިރުޝާންވެސް ވިއެވެ. ސައިކަލުގައި ނައްޓާލަމުން ފިރުޝާންގެ ބުރަކަށްޓަށް ވެސް އެމީހުން ވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ. ފިރުޝާނުގެ ބުރަކަށީގެ އެންމެ ދިމާލަކަށް އެތައް ފަހަރަކު އެމީހުން ހަމަލާދީފައިވެއެވެ.
ޒަހަމްތަކާއެކު އުދައްޔު އާއި އޭނާގެ ބޭބެ ފިރުޝާން ފުރަތަމަ ގެންދިޔައީ ގއ. މާމެންދޫ ސިއްހީ މަރުކަޒަށެވެ. މާމެންދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު އިމަޖެންސީގައި އުދައްޔު ބަދަލުކުރީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ. އެއީ ރޭ 23:15 ހާއިރުއެވެ. ޑޮކްޓަރުންނާ ހަވާލާދީ ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހްމަދު "ވަން" އަށް ވިދާޅުވި ގޮތުގައި އުދައްޔު އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ. ޝަރީފް ވިދާޅުވި ގޮތުގައި އުދައްޔުގެ ބުރަކައްޓަށް ވަޅީން ހަމަލާދިނުމުގެ ސަބަބުން ފުން ޒަހަމްތަކެއް ހުއްޓެވެ.
"އުދައްޔުގެ ބުރަކަށީގެ އެއްތަނަކަށް އެބަހުރި އެއްފަރަށް ވުރެ ގިނަ ފަހަރު ވަޅި ޖަހާފައި. މަސްގަނޑު ކަފާލާފައި އެތެރެޔަށް ވަދެފައި ހުރީ. ވަރަށް ފުނަށް ހުރީ. ސީދާ ކިތައް އިންޗިކަމެއް ދަންނަވަން ދަތި. ނަމަވެސް ޒަހަމްތަކުގެ ފުޅާ މިނުގައި ދެ އިންޗި ހުންނާނެ" ޝަރީފް ވިދާޅުވިއެވެ.
މާރާމާރީގައި އުދައްޔު މަރުވިއިރު، އޭނާގެ ބޭބެ ފިރުޝާންގެ ހާލުވެސް ސީރިއަސްއެވެ. އިތުރު ފަރުވާއަށް ފިރުޝާން އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރީ ރޭ 00:15 ހާއިރުއެވެ. ޝަރީފް ވިދާޅުވި ގޮތުގައި ފިރުޝާންގެ ބުރަކަށީގެ ވެސް އެއް ދިމާލަކަށް ވަނީ ތޫނު އެއްޗަކުން އެތައް ފަހަރަކު ހަމަލާ ދީފައެވެ. އެކަމުގެ ސަބަބުން ގިނަ އަދަދަކަށް ލޭ ފައިބައިފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ފިރުޝާނަށް އަތޮޅު ހޮސްޕިޓަލުގެ އިމަޖެންސީގައި ފަރުވާދެމުން އަންނައިރު އިތުރުފަރުވާއަށް އޭނާ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މާމެންދޫގައި ރޭ ހިންގި ގްރޫޕް މާރާމާރީގައި ކުޑަ ކުއްޖަކު މަރުވެ، ޒުވާނެއްގެ ހާލު ސީރިއަސްވެފައިވާއިރު، އެ މާރާމާރީގެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓުމަންޓުން އަންނަނީ ތަހުގީގުކުރަމުންނެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ވިދާޅުވި ގޮތުގައި އެ މައްސަލައިގައިވަނީ އެކަކު ހައްޔަރުކޮށްފައެވެ. އަދިި އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް މާލެއިން މާމެންދުއަށް ދިއުމަށް ވަނީ ހަމަޖައްސައިފައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް