ގއ. މާމެންދޫގައި މިރޭ ހިންގި މާރާމާރީގައި ޒަހަމުވި އަނެއް ޒުވާނާގެ ހާލު ސީރިއަސްވެއްޖެއެވެ.

މާމެންދޫގައި މިރޭ ހިންގި ގްރޫޕް މާރާމާރީގައި 17 އަހަރުގެ ޒުވާނަކު ވަނީ މަރާލައިފައެވެ. އެ މާރާމާރީގައި ދެން ޒަހަމުވީ، މަރުވި ކުއްޖާގެ ބޭބެ ފިރުޝާން ޒާހިރު، 21 އެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހްމަދު ވިދާޅުވީ، ފިރުޝާންގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އޭނާގެ ހާލުވެސް ސީރިއަސް ކަމަށެވެ. އަދި އިތުރު ފަރުވާއަށް ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މިރޭ 11:00 ހާއިރު މާމެންދޫގައި ހިންގި އެ ގުރޫޕް މާރާމާރީގައި ލިބުނު ޒަހަމުތަކަކާ ގުޅިގެން މަރުވެފައިވަނީ ގއ. މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔު، 17، އެވެ.

އެ މާރާމާރީއާ ގުޅިގެން އެކަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.