އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން 15 މީހުން އަދި ހުޅުމީދޫ ކްލަސްޓާއިން 25 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ އެޓޯލް ޕްރިޕެއާޑްނެސް ޓީމުގެ އަބްދުލް މައުރޫފް ވިދާޅުވީ، ހިތަދޫން ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓެއް ގދ. ތިނަދޫން ވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ހިތަދޫން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިދިޔަ ހުކުރު ދުވަހުއެވެ. އެއީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެމީހުންނެވެ. ހިތަދޫން ފަހުން ޕޮޒިޓިވްވީ އެ ދެމީހުންގެ ކޮންޓެކްޓުންގެ ތެރެއިން ބަލީގެ އަލާމާތް ހުރި ދެމީހުންނެވެ. އެއީ އިއްޔެއެވެ.

"ހިތަދޫން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވުނު މީހުންގެ ތެރެއިން ދިހަ މީހަކު މިއަދު މިވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި. މި ކްލަސްޓާއިން ޖުމުލަ 15 މީހަކު މިވަނީ ޕޮޒިޓިވްވެފައި،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ހިތަދޫ ކްލަސްޓާގެ ކޮންޓެކްޓުން ހަތަރު ރަށެއްގައި އެބަތިބި ކަމަށާއި އެގޮތުން ހިތަދޫގައި 44 ކޮންޓެކްޓުން އަދި ތިނަދޫގައި 25 ކޮންޓެކްޓުން އެބަތިބި ކަމަށެވެ.

ހުޅުމީދޫ ކްލަސްޓާގެ މައުލޫމާތުދެއްވަމުން މައުރޫފް ވިދާޅުވީ، ހުޅުމީދޫން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 52 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އެމީހުންގެ ތެރެއިން ނެގި ސާމްޕަލްތަކުން މިމަހުގެ ފަސްވަނަ ދުވަހު އިތުރު 19 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"މިވަގުތު ހުޅުމީދޫގައި ޖުމްލަ 25 އެކްޓިވް ކޭސް އެބައުޅޭ،" މައުރޫފް ވިދާޅުވިއެވެ.

ހިތަދޫ ކްލަސްޓާ އާއި ހުޅުމީދޫ ކްލަސްޓާއާ ގުޅިގެން އައްޑޫ ސިޓީގެ ރަށްތައް އިއްޔެ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އޭގެ އިތުރުން މިއަދު ތިނަދޫ ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.