ކޮވިޑް 19ގެ ހާލަތުގެ އަނެއްކާވެސް ގޯސްވެ، އެޗްޕީއޭގެ ހާއްސަ ފިޔަވަޅުތަކުގެ ދަށުން މާލޭ ސަރަހައްދުގެ ހުރިހާ ކުޅިވަރުތައް ހުއްޓާލަން އަންގާފައިވާ އެނގުމާއި ގުޅިގެން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހިފައި އޮތް އޮތުމުގެ ސަބަބުން ބޮޑެތި ކަންބޮޑުވުންތައް ހުރި ކަމަށް ބައެއް ކްލަބުތަކުން ބުނެފިއެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ދެ ކްލަބަކުން ރޭ ބަޔާން ނެރެފައިވާއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު އީގަލްސްގެ ބަޔާނުގައި ފުޓުބޯޅަ ހުއްޓުމުން ކްލަބުތަކަށް ދިމާވާ ދަތިތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ކްލަބު އީގަލްސްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފުޓުބޯޅަ ސީޒަން ފެށީ އެޗްޕީއޭގެ ގައިޑްލައިންއަށް އަމަލުކުރުމަށް ޝަރުތުކޮށް، ހާއްސަ ހުއްދައެއްގެ ދަށުން ކަމަށާއި، ފަރިތަކުރުންތަކުން ފެށިގެން މެދު ކަނޑާލަންދެން ހުރިހާ ކްލަބަކުންވެސް ގައިޑްލައިންތަކަށް އަމަލުކޮށްފައިވާ ކަމަށެވެ.

އެ ގައިޑްލައިނަށް އެފްއޭއެމްއާއި ކްލަބުތަކުން އަމަލުކުރުމުން ދަނިކޮށް ސީޒަން ހުއްޓާލަން ޖެހުމަކީ މާޔޫސްކަމެއް ކަމަށް އީގަލްސްއިން ބުނެފައިވާއިރު، އެ ކްލަބުން ބުނެފައި ވަނީ ފުޓުބޯޅައިން އާމްދަނީ ހޯދަމުން އަންނަ ކޯޗުންނާއި ކުޅުންތެރިންނަށްވެސް ސީޒަން ހުއްޓާލުމުން އެކަން ވެގެންދާނީ ބޮޑު މާޔޫސްކަމަކަށް ކަމަށެވެ. ހާއްސަކޮށް ސީޒަން ހުއްޓާލަން ޖެހުމާއެކު ކްލަބުތަކަށް ފޫނުބެއްދޭ ވަރުގު ގެއްލުންތަކަކާ ކުރިމަތިވާނެ ކަމަށްވެސް އީގަލްސްއިން ބުނެފައިވެއެވެ.

އޭގެ އިތުރުން އީގަލްސްގެ ބަޔާނުގައި ބުނެފައި ވަނީ ލީގު މެދުކަނޑާލި ނަމަވެސް ފަރިތަކުރުންތަކަށް ފުރުސަތު ދިނުމަކީ ކްލަބުތަކުގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި މެޗުތައްވެސް ވީ އެންމެ އަވަހަކަށް ފެށުމަކީ އެދޭ ކަމެއް ކަމަށެވެ.

މާޒިޔާއިން ނެރުނު ބަޔާނުގައިވެސް އެފަދަ ވާހަކަތަކެއް ހިމަނާފައިވާއިރު، އެ ކްލަބުންވެސް ބުނެފައި ވަނީ ކުއްލިއަކަށް ސީޒަން މެދުކަނޑާލުމުން މާލީ ގޮތުން ދަތިތަކާ ކުރިމަތިވެ، ކްލަބަށް އެކި ގޮތްގޮތުން ގެއްލުން ވާނެ ކަމަށެވެ. އެންމެ ކުޑަމިނުން ފަރިތަކުރުންތައް ކުރިއަށް ގެންދަންވެސް ފުރުސަތެއް ނެތް ކަމަށް ބުނެ މާޒިޔާއިން ނުރުހުން ފާޅުކޮށްފައިވާއިރު، އެ ކްލަބުގެ ބަޔާނުގައި ބުނެފައި ވަނީ ދުނިޔޭގެ އެހެން ހުރިހާ ތަނެއްގައި ކަހަލަ ގޮތަކަށް ފުޓުބޯޅަ ކުރިއަށް ގެންދަން ގޮތްތަކެއް ހޯދައި ލީގުތައް ކުރިއަށް ގެންދާ ކަމަށާއި އެދުމަކީ ރާއްޖޭގައިވެސް އުސޫލުތަކެއްގެ ތެރެއިން އަލުން ފުޓުބޯޅަ ފެށުމަށް ކަމަށެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ކަންކަން ކްލަބުތަކުން ބޭނުންވާހެން ކުރިއަށް ގެންދިޔުމުގައި އެފްއޭއެމްގެ ރައީސްގެ އިތުރުން ޒުވާނުންގެ ވަޒީރު އަހުމަދު މަހުލޫފްގެ މަސައްކަތް މާޒިޔާއިން ވަނީ ފާހަގަ ކޮށްފައެވެ.

މާލޭ ސަރަހައްދުގެ ހުރިހާ ކުޅިވަރެއް މެދުކަނޑާލައި، ރޭގަނޑުގެ ވަގުތު ކާފިއުވެސް އިއުލާން ކޮށްފައިވާއިރު، އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރީ ރާއްޖެއިން ކޮވިޑްގެ އާ ވޭރިއަންޓެއް ފެނިގެންނެވެ. މިދިޔަ ސީޒަންގެ މެދުތެރެއިން ސީޒަން ކެންސަލް ކޮށްލުމުންވެސް ކްލަބުތަކަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އޭއެފްސީ ކަޕް މެޗުތައްވެސް ކެންސަލްވެ މާޒިޔާއަށް އެކަނިވެސް ވަނީ މިލިއަނުން ގެއްލުން ވެފައެވެ.

ގިނަ ކުޅުންތެރިންތަކެއް ފުޓުބޯޅައިގެ މުސާރައަށް ބަރޯސާވެގެން ކުޅެމުން އަންނައިރު، ލީގު ކުރިއަށް ނުގެންދެވުމަކީ ވަރަށް ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވާނެ ކަމެއް ކަމަށް މީގެ ކުރިންވެސް ވަނީ ފާހަގަވެފައެވެ. އެކަންކަމަށް ހައްލު ހޯދަން އެޗްޕީއޭއާއެކު ޔޫތު މިނިސްޓްރީއާއި އެފްއޭއެމް އެކުވެ، އުސޫލުތައް ހަދައި ފުޓުބޯޅަ އަލުން ފަށާފައިވަނީ ބޮޑެތި ގައިޑްލައިންތަކަށް އަމަލުވެސް ކޮށްގެންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަޕޯޓަރުންނާ ނުލައި، ކުޅުންތެރިން ވަކި އުސޫލެއްގެ ދަށުން "ސެކުއާ ބަބުލް"އެއްގައި ހަރަކާތްތެރިވާ ގޮތަށް ހަދައި، ލީގުތައް ކުރިއަށް ގެންދަމުންދެއެވެ. އެއީ ލީގުތައް ހުއްޓާލުމުން އެކަމުން އަންނަ އިގުތިސާދީ، އިޖުތިމާއީ މައްސަލަތައް ބޮޑުވުމުންނެވެ.