މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ރަސްމީކޮށް ފައްޓަވައިފި އެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މުއިއްޒުގެ ކެމްޕެއިން ފައްޓަވައި ދެއްވީ އިދިކޮޅު ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. އޭނާގެ ކެމްޕޭންގެ ޝިއާރަކީ "ރައްޔިތުން އެދޭ އަމާޒަށް" އެވެ.

ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ ވެސް އިންސާނީ ހައްގެއް ކަމަށާއި ސަރުކާރުން އެންމެ އިސްކަންދޭންޖެހޭ އާސާސީ ހައްގު ކަމަށެވެ. ރައްޔިތުން ގެދޮރުވެރިކުރުމުގެ އަމާޒުގައި ރައްޔިތުންގެ ފަރާތުން މަސައްކަތްކުރަން ރެއާއި ދުވާލު ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން ގެދޮރުވެރިކުރުމުގެ އަމާޒަށް ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާއެކީގައި ރައްޔިތުންގެ އަޑު މި ސަރުކާރަށް އިއްވައިދިނުމުގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ފަހަތަކަށް ނުޖެހޭނަން. ރެއާއި ދުވާލު މަސައްކަތް ކުރަން ޖެހުނަސް އަޅުގަނޑު މިހިރީ އިދާރަކުރެއްވިއްޔާ އެ މަސައްކަތް ކުރުމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އަމާޒަކީ ގުޅީފަޅަކީ ގެދޮރުވެރި މަންޒިލަކަށް ހެދިގެން ދިއުން ކަމަށާއި ނަމަވެސް މި ސަރުކާރުން މާލޭގެ ރައްޔިތުން މާޔޫސްކޮށްލައިފި ކަމަށެވެ.

"އެންމެ ފަހުގެ ރިޔާސީ ބަޔާނުގައި ވެސް އިވިގެން ދިޔައީ ވަރަށް ވެސް މާޔޫސް ވާހަކަތަކެއް. އެތަނުގައި ޕޯޓެއް އަޅަން ނިންމައި، މި އަހަރު ފެށޭނެ ވާހަކަ. މިއީ ރައްޔިތުންގެ އުންމީދު، ރައްޔިތުންގެ ވިންދާ ގުޅިފައިހުރި ގޮތެއް ނޫން. ރައްޔިތުން ބުނާ ވާހަކައަކީ ގުޅިފަޅުގައި ޕޯޓް ނުހަދާށޭ، ރައްޔިތުންގެ އާދޭހަކީ ގުޅިފަޅަކީ ގެދޮރު ދިނުމަށް ހާއްސަތަނަކަށް ހަދައިދޭށޭ،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ އުންމީދާއި ވިންދުތައް މި ސަރުކާރަށް އިއްވައިދޭނެ ކަމަށާއި މާލޭ ސިޓީގެ މޭޔަރު ކަމަށް ނުކުމެ ހުންނެވީ އެކަންކޮށްދިނުމަށް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގެދޮރުވެރިކަން ދޭން ކުރިއަށް ގެންދިޔަ ހައުސިން މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ބަހައްޓާފައި ހުރި ކޮންމެ ގާބުރިއަކީ ކުރީ ސަރުކާރުގައި ފެށި މަޝްރޫއުތަކުގެ ގާބުރި ކަމަށެވެ. އަދި ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ހައުސިން ޔުނިޓު އެޅިގެން ދިޔައީ ވެސް މިދިޔަ ސަރުކާރުގައި ކަމަށް ވިދާޅުވި އެވެ.