ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށްޓަކައި އުފެއްދި، ފަހި ދިރިއުޅުން ކޯޕަރޭޝަނުން، އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން 130 މިލިއަން ޑޮލަރު (ގާތްގަނޑަށް ދެ ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިފި އެވެ.

އެ ލޯނަކީ ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ނަގާފައިވާ ލޯނެކެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެލޯނަކީ ހުޅުމާލޭގައި 2،000 ފްލެޓު އަޅަން ހިންގާ މަޝްރޫއަކަށް ނަގާފައިވާ ލޯނެއް ކަމަށެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅަނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން ''ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް''ގެ ނަމުގައި ކުންފުންޏެއް އުފައްދާފައި ވަނީ 12 މާޗް 2019 ގައެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ، މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ރޭވި މަޝްރޫއުތައް ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު އެ މަޝްރޫއުތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އޭގެ ތެރެއިން 1000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފުތާގައި ސޮއިކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މށލޭ ސަރަހައްދުގައި އިތުރު 5000 ހައުސިން ޔުނިޓުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށާއި، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.