މާލޭ ސަރަހައްދުގައި ދިރިއުޅޭ 55 އަހަރުން މަތީގެ މީހުންނަށް މިއަދު ކޮވިޑް ވެކްސިން ދޭން ފަށައިފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އަށް ސޯޝަލް ސެންޓަރުގައި ވެކްސިން ދިނުމުގެ ހަރަކާތް ކުރިއަށް ދާނެ ކަމަށާއި އަދި ހަމަ އެ ގަޑިތަކުގައި ހުޅުމާލޭގައި ހުންނަ ވެކްސިން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް) ގައި ވެސް ވެކްސިން ދިނުމުގެ ހަރަކާތް ކުރިއަށްދާނެ ކަމަށެވެ. މީގެ އިތުރަށް ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި މިއަދު 9:00 އިން ފެށިގެން މެންދުރު 1:00 އަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށްވެސް އެ އެޖެންސީން ވަނީ ބުނެފަ އެވެ.
އެޗްޕީއޭ އިން ބުނީ ވެކްސިން ޖެހުމަށް my.health.mv ގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓަރީކުރުމުގެ އެހީތެރިކަން ވެކްސިން ސެންޓަރުތަކުން ދެމުންދާނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ޕޯޓަލްގައި ރަޖިސްޓަރީކުރުމަށް އެދޭ ކަމަށެވެ. އަދި ވެކްސިން ދިނުމަށް އިސްކަންދޭ ތަރުތީބުން އިތުރު ފަރާތްތަކަށް ވެކްސިން ޖެހުމަށް ފުރުސަތު ހުޅުވާލަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެގޮތުން އިއްޔެގެ ނިޔަލަށް ޖުމުލަ 4،269 މީހަކު ވަނީ ވެކްސިން ޖަހައިފަ އެވެ. އެއީ މާލެ ސަރަހައްދުން 3،573 މީހަކާއި އަތޮޅުތެރެއިން 696 މީހެކެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލް އަދި ސޯޝަލް ސެންޓަރުގެ އިތުރުން ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފަ އެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.
ވެކްސިން
ވެކްސިން
ވެކްސިން