ވެކްސިން ޖަހަން ދާ މީހުންގެ އަދަދު ގިނަވަމުން އަންނާތީ އުއްމީދު އާވެއްޖެ ކަމަށާއި ސިއްހީ ރަނގަޅު އާދަތަކަށް ވިސްނައިގެން ކުރިޔަށް ދާ ނަމަ ޕެންޑެމިކްގެ ނިމުން އޮތީ ވަރަށް ކައިރީގައި ކަމަށް ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ހެޑް އަދި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ މާލޭގެ ސޯޝަލް ސެންޓަރުގައި ހުންނަ ވެކްސިން ޖަހާ މައި މަރުކަޒަށް ވެކްސިން ޖަހާން ގޮސް ތިބި ގިނަ އަދަދެއްގެ މީހުން ހިމެނޭ ފޮޓޯއެއް ޓުވީޓު ކުރައްވައި ލިޔުއްވި މެސެޖުގަ އެވެ.

ޑރ. ނަޒްލާގެ ޓުވީޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި ވެކްސިން ޕްރޮގްރާމަށް ލިބޭ ތަރުހީބު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އެއް ދުވަހުން އަނެއް ދުވަހަށް ވެކްސިން ޖަހާން ދާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަން ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވައިފަ އެވެ.

"ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާން ވެކްސިން ސެންޓަރުތަކަށް ދާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނަތަން ފެނުމުން އުއްމީދު އާވެއްޖެ. ސިއްހީ ރަނގަޅު އާދަތަކަށް އުޅުން ބަހައްޓައި ވެކްސިން ޕްރޮގްރާމަށް ތަރުހީބު ދީފި ނަމަ، އިރާދަފުޅުކުރެއްވިއްޔާ މި ޕެންޑެމިކްގެ ނިމުން އޮތީ ދުރަކު ނޫން." ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.

އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެއެވެ. އަދި ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަންވެސް ވަނީ ނިންމައިފައެވެ.

މިދިޔަ ހޯމަ ދުވަހު ވެކްސިން ދިނުމުގެ ޕްރޮގްރާމު ފައްޓަވައިދެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑް ބަލިން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި މި ހިސާބަށް އާދެވިފައި އޮތީ ހެލްތު އެކްސްޕާޓުންގެ ލަފަޔާ އެއްގޮތަށް ރައްޔިތުން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދީ ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި، ހެލްތު ފެސިލީތައް ބޭނުންކޮށްގެން، ރާއްޖޭގެ ހުރިހާ ރަށަކުން ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ. ޓާގެޓަކީ ދުވާލަކު 10،000 މީހުންނަށް ވެކްސިން ދިނުން ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.